މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ކުރާ ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލީހަށް ގޮވާލާނަން: އަލީ ވަހީދު

Fri, 19 Apr 2024 08:14 AM

View on this article on Raajje.mv

މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ކުރާ ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލީހަށް ގޮވާލާނަން: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފިނަމަ އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އަމިއްލަފުޅަށް މަޖިލީހަށް ގޮވާލާނެކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.



ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގައި މަސައްކަތް ކުރި އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލީ ވަހީދުގެ މައްޗަށް ކުރެވުނީ 2021 ގައެވެ. އެ މައްސަލަ ފެންމަތިވީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރި 13 މުވައްޒަފުން އޭރުގެ ޖެންޑާ މިނިސްޓަރާ އެކު ރައީސް އޮފީހަށް ގޮސް އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ރައީސްއަށް ކިޔައިދިނުމުންނެވެ. އެއާއެކު އެމައްސަލައިގެ ތަހުގީގު ފެށި އަލީ ވަހީދުގެ މައްޗަށް ދައުވާވެސް ކުރިއެވެ. އޭގެފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން އެނބުރި އަލީ ވަހީދު ރާއްޖެއަށް ވަޑައިގަތީ މިދިޔަ އަހަރުއެވެ. ރިޔާސީ އިންތިޚާބު ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވާ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާއިރު ދާދިފަހުން ސޯޝަލް މީޑިޔާގައި ވަނީ މިތަހުގީގުގެ ބަޔާންތައް ލީކުކޮށްލާފައެވެ.

ކުޅުދުއްފުށީގައި ބުރާސްފަތި ދުވަހުގެ ރޭ އަލީ ވަހީދު ބޭއްވެވި "ވަތަނީ ބާރާއި ހައްގުވި މިންވަރު" ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިސަރުކާރުން އެންމެ ޖެހިލުންވާ އެކަކީ އޭނާކަން ވޭތުވެދިޔަ ދެތިން ހަފްތާގައި ކުރިޔަށްގެންދިޔަ އެންޓިކެމްޕެއިނުން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުވާންޖެހޭކަމަށާއި އަބަދު ދޮގު ހެދުމުގެ ޖާގަ ނުދޭނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަށް ކެރޭނެ ކުރިމަތިލާން. މާތްﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ އަޅުގަނޑުމެން މީހުން ފަހަތުން ގަދަކަމުން ދާކަށް ނުޖެހޭނެ. މިއީ ޝާއިރުން، ލޯބި ހޯދަން އެނގޭ، ލޯބިން މިގޮނޑިވެސް ކަމިޔާބުކުރާނެ މީހުން. އެހެންވީމަ ދޮގު ބުހުތާން ދޮގުގައި ތާއަބަދު ތިގޮތަށް އެއްޗެހި ގޮވުމުގެ ޖާގައެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑު ގޮވާލަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިހާރު އެބައޮތް އަޅުގަނޑަށް އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން އަޅުގަނޑުގެ މައްޗަށް ހިންގުނު ތަހުގީގުގެ 554 ސަފްހާ ނެރެފައި. އިންސާނާއަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ބުއްދި.
އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ ލީކުކޮށްލާފައިވާ ތަހުގީގު ރިޕޯޓުން ތުހުމަތުކުރާ 13 މީހުންގެ ނަން ދައްކައިފިކަމަށްވާނަމަވެސް ވޯޓު ލުމުގެ ކުރިން އޭނާގެ ނަން އަނބުރާ ނަގާނެކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނު ބުނާގޮތުން މީހަކަށް އެފަދަ އަނިޔާއެއް ދީފިނަމަ ޑޮކްޓަރަށް ދައްކަންޖެހޭ އެމީހަކަށް ލިބުނު އަނިޔާ ސާފުވާންޖެހޭކަމަށެވެ.

އެވިދާޅުވާކަމަށް ބުނާ 13 މީހުންގެ ތެރެއިން އެންމެ މީހަކުވެސް އެ 554 ޞަފްހާއިން އެއިން ތާކަށް ދިޔަތޯ ދައްކާލިއަސް އަޅުގަނޑު ނަން އަނބުރާ ނަގާފައި ގެއަށް އަނބުރާ ވަންނާނަން. އެހެންވީމަ ލައްކަ ދުވަހު އެއްޗެއް ނުދަންނަވާ އަޅުގަނޑު މަޑުކޮށްލައިގެން ހުރެފިން. މީހުން ނެތް ތަނެއްގައި ވީކަމެއްކަމަށް ބުނާ ކަމެއް ދުނިޔޭގައި ބެލޭނެ ހަމައެކަނި ގޮތަކީ ޑީއެންއޭ. އެތަހުގީގު ރިޕޯޓްގައި އޮންނާނެ އަޅުގަނޑު އުޅުނުތަނެއްވިޔަސް އެތާކުން ނެގި އިސްތަށިތައް ނަގައިގެން ކުރި ތަހުގީގުން އެންމެ އިސްތައްޓެއް ހާ ހިސަބުވެސް އަޅުގަނޑު މައްޗަށް ތުހުމަތުނުކުރެވޭ ވަރަށް ސާފުކޮށް އޮތް މައްސަލައެއް މިއީ.
އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ އޭނާއާ ދެން މިއިންތިޚާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މިއިންތިޚާބުގައި ކުރެއްވިހާވެސް ކަމަކީ އެންޓި ކެމްޕެއިން ކުރުންކަމަށެވެ. ނަމަވެސް އަލީ ވަހީދު ނުކުމެ ހުންނެވީ އެ ކެންޑިޑޭޓާ ވާދަކުރައްވަން ނޫންކަމަށާއި ނުކުމެ ހުންނެވީ ރާއްޖޭގައި ހުރި މައްސަލަތަކާއި ކުޅުދުއްފުށީގައި ހުރި ކަންކަން ހައްލުކުރަންކަމަށެވެ.



More from Raajje.mv