ގުޑުގުޑާ ދޫނިތަކަށް ގޯނާވާ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

Tue, 21 Nov 2023 12:45 AM

View on this article on Raajje.mv

ގުޑުގުޑާ ދޫނިތަކަށް ގޯނާވާ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

އިރުވައި މޫސުމާ ދިމާކޮށް ހިޖުރަަ ކުރާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ނަމަވެސް އެ ދޫނިތަކަށް ގޯނާވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ހޯމަ ދުވަހު ބުނީ ކުޅުދުއްފުށި ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތަކުގެ ސަބަބުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދޭ ކަމަށެވެ. އެފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް، އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ކެނޯ އަދި ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކައިރި ނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މިހާރުވެސް ގިނަ އަދަދެއްގެ ގުޑުގުޑާ ދޫނިތަކެއް ކުޅުދުއްފުށީ ކުޅީގައި އެބަތިއްބެވެ. މި ދޫނިތައް ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް އެއްވެއެވެ. އަދި ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެ ދޫނިތަކުގެ ފޮޓޯއާއި ވީޑިއޯ ނަގައެވެ.

މީގެ ކުރިން ވެސް ކުޅުދުއްފުށީ ކުޅިއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް، ވިޔަފާރީގެ ބޭނުމަށާއި އޮޅުކޮށްގެން ގެންގުޅުމަށް ހިފުމުގެ މައްސަލަތެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ އެއްވެސް ނިޔަތެއްގައި އެ ދޫނިތަކަށް ގޯނާވާނޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ވަނީ ހަނދާންކޮށްދީފިއެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ "ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނު" ގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެކެވެ.

ގަވާއިދާ ޚިލާފަށް ދޫނިތައް ހިފައި، ގެންގުޅޭ ފަރާތެއް އެނގޭނަމަ އީޕީއޭ (7980379 ނުވަތަ [email protected]) އާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެ އެޖެންސީއިން އެދެއެވެ.


More from Raajje.mv