މަޖިލީހުން ފާސްކޮށްފިނަމަ، ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް އީސީގައި އެދޭނަން: ރައީސް

Tue, 19 Sep 2023 07:47 PM

View on this article on Raajje.mv

މަޖިލީހުން ފާސްކޮށްފިނަމަ، ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް އީސީގައި އެދޭނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓު ނެގުމާގުޅޭ ގަރާރު މަޖިލީހުން ފާސްކޮށްފިނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އެ ވޯޓު ނަގައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިވަޑައިގަންނަވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށް އަންގާރަ ދުވަހު ކުރިޔަށްގެންދެވި ކެމްޕެއިން ހަރަކާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ގަރާރު މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ވޯޓުން ފާސްވެއްޖެނަމަ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން އެދޭގޮތް ބެލުމަށް ވޯޓަކަށް ދިޔުމަށް އީސީގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދާނަމަ، އެއީ ކުރެވިދާނެ ކަމެއް ކަމަށް ކުރިންވެސް އެ މަނިކުފާނު ވިދާޅުވެފައި ވާނެކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އެ ވޯޓު ނަގަން އުޅެފިނަމަ އެއީ ވަރަށް އުނދަގޫ މައްސަލައަކަށް ވާނެކަމަށެވެ.

Advertisement

ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ، އެ ވޯޓު އޮކްޓޯބަރު 30ގެ ކުރިން ނެގުމަށެވެ. އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީގަިއ ދިރާސާކުރުމަށް މަޖިލީހުން އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ.

މިހާރު ހުށަހަޅާފަ އެ އޮތީ އޮކްޓޯބަރު 30ގަ ވޯޓު ނަގަން. އެހެންވިއްޔާ އެއީ ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވިދާނެ ކަމެއް. އެކަމަށް ތައްޔާރުވާން އެންމެ ކުޑަކޮށްވެސް 30 ދުވަސް ލިބެންޖެހޭކަމަށް އިލެކްޝަން ކޮމިޝަނުންވެސް ބުނި. އަނެއްކާ މިކަހަލަ ކަމެއްގަ ރައްޔިތުން ހޭލުންތެރިކުރަންވެސް ޖެހޭނެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

ނިޒާމު ބަދަލުކުރުމަށް ރައީސް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ، އެކަމާގުޅޭގޮތުން އެއްޗެއް ވިދާޅުވާނީ ގޮތެއް ނިމުމުންކަމަށެވެ.

ބަރުލަމާނީ ނިޒާމަކީ ބާރުތައް ބޮޑުވަޒީރަށް ލިބޭ ނިޒާމަކަށްވާއިރު އެނިޒާމުގައި ރައީސަކީ ރަމްޒީ މަގާމެކެވެ. އެހެންކަމުން ދެވަނަ ދައުރެއް ރައީސް ސާލިހަށް ކާމިޔާބުކުރެއްވިއްޖެނަމަ ނިޒާމީ ވޯޓަކަށް ދާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިން ނިންމާ ކަމެއްގައި އެއާ އެއްގޮތަށް އަމަލުކުރުމަކީ ރައީސްގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.


More from Raajje.mv