70،000 މީހުންގެ އުންމީދާ ގުޅިފައިވާ ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލް ހަގީގަތަކަށް ހަދައިދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލައްވައިފި

Thu, 08 Jun 2023 10:02 PM

View on this article on Raajje.mv

70،000 މީހުންގެ އުންމީދާ ގުޅިފައިވާ ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލް ހަގީގަތަކަށް ހަދައިދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލައްވައިފި

ހަތްދިހަ ހާސްމީހުންގެ އުންމީދާއި ގުޅިފައިވާ، ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލް ހަގީގަތަކަށް ހަދައިދިނުމަށް ގަދައަޅައި މަސައްކަތްކޮށްދިނުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދު ގޮވާލައްވައިފިއެވެ.

ސީއީއޯ މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އެވޯޑް ނައިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ 100 އެނދުގެ ފުލްފުލޭޖް ޓަރޝަރީ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ހަތްދިހަ ހާސް މީހުންގެ އުންމީދާ ގުޅިފައިވާ ހޮސްޕިޓަލެއްކަމަށެވެ.

ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ލާމަރުކަޒީގޮތުން ސިއްހީ ނިޒާމު ތަރައްގީކުރުމަށާއި، ޓަރޝަރީ ފެންވަރަށް ފަސް ސަރަހައްދެއްގެ ހޮސްޕިޓަލުތައް ގާއިމުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ފާހަގަކުރައްވައި އެމަނިކުފާނަށް އޭނާ ޝުކުރު ދެންނެވިއެވެ.

މީގެ އިތުުރުން ކޭއާރްއެޗުގެ ދުރުރާސްތާ ލަނޑުދަނޑިކަމުގައިވާ، އެއްވަނަ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލަށް ވާސިލުވުމަށްޓަކައި ވާންޖެހޭ އެންމެހައި މަސައްކަތްތައް ވީހާވެސް ތަރުތީބު ގޮތެއްގައި ކުރިއަށްގެންދިޔުމަށް މުވައްޒަފުންނަށް އޭނާ އިލްތިމާސްކުރެއްވިއެވެ. ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެކަން ފާހަގަކުރައްވަމުން ދާއޫދު ވިދާޅުވީ، އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރިކަމަށެވެ.

ކުޅުދުއްފުށީގައި ޓަރޝަރީ ހޮސްޕިޓަލުގެ އާ އިމާރާތެއް ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުފުޅެކެވެ. އެހެންނަމަވެސް ދައުރު ނިންމުމަކާ ހަމައަށް އައިއިރު، ޓަރޝަރީ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް ވަނީ ނުފެށިއެވެ.



More from Raajje.mv