ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އާމްދަނީ އިތުރުވެ، މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ: މިފްކޯ

Thu, 08 Jun 2023 06:55 PM

View on this article on Raajje.mv

ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އާމްދަނީ އިތުރުވެ، މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ: މިފްކޯ

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް އާންމުކޮށް އިއުލާންކޮށްފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ ޑިއުޓީއަށް އިނާޔަތް ލިބި، މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފެށިގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިކަމުން ލިބޭ މަންފާ އިތުރު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް މިފްކޯއިން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ވަނީ ބުނެފައެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏަށް ވާއިރު، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ ދަށުން، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށާއި މަސް ޕްރޮސެސްކުރުން އިތުރުކުރުމަށްޓަކައި ފަހުގެ ތާރީހެއްގައި ހިންގޭ އެންމެ ބޮޑެތި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއިކޮށްފައި ނުވާ، އަދި ޕްރިފަރެންޝަލް މާރކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، އުފެއްދުންތެރިކަން އިތުރުކޮށް، ފަސޭހަކަމާއެކު، އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާރކެޓްތަކަށް ފޮނުވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.



More from Raajje.mv