ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

Thu, 08 Jun 2023 06:50 PM

View on this article on Raajje.mv

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވާފައިވާ ނިންމެވުމެއް ބަދަލުނުވާނެ ކަމަށާއި، އެމަނިކުފާނު ވިދާޅުވިގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް މިމަހު ބޮޑުވާނެ ކަމަށެވެ. އަދި މިފެށޭ ހަފުތާތެރޭގައި މި އިތުރުކުރެވޭ އެލަވަންސާއާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް އިއުލާން ކުރައްވާފަ ވާނެ ރިޔާސީ ބަޔާނުގަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެކަމަށް. މިމަހުން ފެށިގެން ބޮޑުވާނެ. އޭގެ ތަފްސީލް މައުލޫމާތު އަންނަ ހަފުތާތެރޭގަ އާއްމުކުރާނެ. ކިހިނެއްތޯ އެލަވަންސް ބޮޑުވެގެންދަނީ. އެލަވަންސް ބޮޑުވެގެންދާއިރު، އަންނަ ބަދަލުތަކަކީކޮބައިކަން އެނގޭނެ.
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް ބޮޑުކުރާއިރު، މިސަރުކާރުން ދަނީ އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެމީހުން މުޖުތަމައުގައި ބާކީނުކުރާނެ ބައެއް ކަމަށާއި، އެއީ ބޭނުންހިފޭނެ މުހިންމު ބައެއް ކަމަށް މިސަރުކާރުން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީގެން މިސަރުކާރުން މަސައްކަތްތައް ކުރަމުންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީވެސް މިހާރު ވަނީ އެކުލަވާލަވާލާފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަރުއީ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް، އެ މަސައްކަތް މީގެ ކުރިން އޮތީ ނުކޮށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ހަތަރު އަތޮޅެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ޚިދުމަތް ދެވޭނެ މީހުންވެސް ވަނީ ތަމްރީނު ކޮށްފައެވެ.



More from Raajje.mv