އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް، ގާނޫނާ އެއްގޮތަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް

Thu, 08 Jun 2023 06:37 PM

View on this article on Raajje.mv

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް، ގާނޫނާ އެއްގޮތަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެޖެންޑާނުކޮށް ދެން މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހަޅައި ނޯޓިސް ހަމަވުމުން، އެ ބޭފުޅުންނަށް ދެން މަޖިލީހުގެ ރިޔާސަތުގައި ނުތިއްބެވޭނެ ކަމަށެވެ. އަސްލަމް ވަނީ އީވާގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ނޯޓިސް މި ފެށޭ ހަފުތާގެ ހޯމަ ދުވަހު ހަމަވާނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މަސައްކަތް އެޖެންޑާނުކޮށް އެހެންކަމެއް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ގަވާއިދުވެސް ތަންދޭ ކަމެއް ނޫންކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އެގޮތަށް އެކަން އޮތްނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދަން ރިޔާސަތުން ނިންމަވައިފިނަމަ ދެން އަމަލުކުރާނީ ކިހިނެތްތޯ ދެންނެވުމުން އަސްލަމް ވިދާޅުވީ، ބައެއް ބޭފުޅުން ގާނޫނު މާނަކުރައްވަނީ ހިތްޕުޅަށް އެރި ގޮތަކަށް ކަމަށެވެ. ބައެއް ބޭފުޅުން އެގޮތަށް ގާނޫނު މާނަކުރައްވަނީ މަގާމުގައި ތިއްބަވަން ބޭނުންފުޅުވާތީ ކަމަށް ވުން އެކަށީގެންވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ހުރިހާ ބޭފުޅުންވެސް ގާނޫނުގެ އިމުގެ ތެރެއަށް ވެދެވަޑައިގެން ގާނޫނީ ހުކޫމަތެއް ހިނގާތަން ދެއްކެވުމަށް ޢިލްތިމާސްކުރައްވާފައެވެ. ކޮމިޓީ އެކުލަވައިނުލެވޭ މައްސަލަ އުޒުރަކަށް ދައްކަވާފައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރެވޭނެ ދުވަހެއް ނޭނގޭކަމަށް މަޖިލީހުން ބުނީ ބުރާސްފަތި ދުވަހުއެވެ.

މީގެ ކުރިން މަޖިލީހުގެ އިދާރާއިން ވަނީ އީވާ އަބްދުﷲ ވަކިކުރުމުގެ ގަރާރު 11 ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށް، އެ މައްސަލަ އެޖެންޑާވެސްކޮށްފައެވެ.



More from Raajje.mv