ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން އެމްޑީޕީން ދެވެން ހުރި ދުލެއް ދީފައިވާނެ: މެންބަރު އަސްލަމް

Thu, 08 Jun 2023 04:50 PM

View on this article on Raajje.mv

ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން އެމްޑީޕީން ދެވެން ހުރި ދުލެއް ދީފައިވާނެ: މެންބަރު އަސްލަމް

ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ދެވެންހުރި ދުލެއް ދީފައިވާކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަސްލަމް ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބައްދަލުވުމެއް މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުނު ކަމަށާއި، އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ދެވެން އޮތް ހުރިހާ ދުލެއް ދީފައިވާކަމަށެވެ.

މެންބަރު އަސްލަމް ވިދާޅުވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން، އިގްތިސާދީ ކޮމެޓީން ބޭނުންވި ސްލޮޓް އެބޭފުޅުންނަށް ދެވޭނެ ގޮތް އިންތިޒާމް ކުރެވުނު ކަމަށެވެ. މިނިވަން މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެދިވަޑައިގަތީ އާއްމު ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށްކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.

މެންބަރު އަސްލަމް ވިދާޅުވީ، އާއްމު ކޮމިޓީއަކީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން ހިމަނައިގެން މަސައްކަތްތައް ކުރިއަށްގެންދިޔަ ކޮމިޓީއެއް ނޫންކަމަށެވެ. ގާނޫނު އަސާސީއަކުންވެސް އަދި މަޖިލީހުގެ ގަވާއިދުންވެސް އާއްމު ކޮމިޓީއަކީ އެފަދަ ކޮމިޓީއެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކޮމިޓީއެއް ނޫންކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް އެދިވަޑައިގަންނަވާތީ، އެމްޑީޕީގެ ފަރާތުން އެއްވެސް މައްސަލައެއް ނެތްކަމަށް ދަންނަވާފައިވާ ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.

މިހިސާބަށް އައިއިރު އާއްމު ކޮމިޓީއަކީ ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނެމުން އައި ކޮމިޓީއެއް ނޫން. އަދި ހަމައެހެންމެ ގާނޫނު އަސާސީއަކުންވެސް، އަދި މަޖިލީހުގެ ގަވާއިދުންވެސް، އާއްމު ކޮމިޓީއަކީ އެފަދަ ކޮމިޓީއެއްގެގޮތުގަ ބަޔާންކޮށްފައިވާ ކޮމިޓީއެއް ނޫން. ނަމަވެސް ސިޔާސީ ޕާޓީތަކުން، އެ ކޮމިޓީގަ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް އެދިވަޑައިގަންނަވާތީ އެމްޑީޕީގެ ފަރާތުން އަޅުގަނޑުމެން އޭގަ މައްސަލައެއް ނެތް ކަމަށް ދެންނެވިން. އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުން އަދި އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ ނިސްބަތް މަޖިލީހުގަ ހަމަޖެހިފަ އޮތުން، އަދި މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތީން އެ ނިސްބަތަށް މެންބަރުން ތިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން އެއްބަސްވިން.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް

ބުރާސްފަތި ދުވަހުގެ 11:00ގައި ފެށި މި ބައްދަލުވުމުގައި ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ. އަދި ކޮމިޓީތައް އެކުލަވާލުމުގައި ލުއި ދީފައިވާއިރު، ގަވާއިދު ބަޔާންކުރާ ގޮތުގެ މަތީން އެ ނިސްބަތަށް މެންބަރުން ތިބެންޖެހޭގޮތަށް އެމްޑީޕީގެ މެންބަރުން ވަނީ އެއްބަސްވެފައެވެ.



More from Raajje.mv