އިޓްލޮސްގެ ނިންމުން އިސްތިޢުނާފް ކުރެވޭނެ ކަމަށް ބުނުމަކީ ބިލާހެއް - ރިފްޢަތު

Mon, 05 Jun 2023 12:24 PM

View on this article on Raajje.mv

އިޓްލޮސްގެ ނިންމުން އިސްތިޢުނާފް ކުރެވޭނެ ކަމަށް ބުނުމަކީ ބިލާހެއް - ރިފްޢަތު

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިސްތިޢުނާފް ކުރެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ބިލާހެއް ކަަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު ވަނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރާއްޖޭގެ އުތުރުން ވެސް ރާއްޖެ އަށް 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިޞާދީ ސަރަހައްދެއް ލިބިފައި ނެތް ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އެ ސަރަހައްދު އިންޑިއާ އަދި ސްރީލަންކާގެ 200 ނޯޓިކަލް މޭލުގެ ޚާއްސަ އިގްތިޞާދީ ސަރަހައްދު ފުށުއަރާތީ އިކުއިޑިސްޓެސް އުސޫލުން 1976 ވަނަ އަހަރު ދެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދު ކަނޑައަޅާފައިވަނީ އެގޮތުގެ މަތީން ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

އެގޮތަށް އިގްތިޞާދީ ސަރަހައްދު ފުށުއަރާނަމަ، ގައުމުތަކުގެ މެދުގައި އެ ސަރައްދާ މެދު އެއްބަސްނުވެވޭ ހާލަތުގައި އަމަލުކުރަން ޖެހެނީ އަންކްލޯސް މުއާހަދާގައިވާ ގޮތުގެ މަތީން ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. އެގޮތުން އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އިން ވަނީ ކާމިޔާބު ހޯދާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ އަކީ ކުރީގެ ބަންޑާރަ ނައިބުން އިހުމާލުވެފައިވާ މައްސަލަ އެއް ކަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މި މައްސަލަ 30 ދުވަސް ތެރޭގައި އިސްތިޢުނާފް ކުރެވޭނެ ކަަމަށް ބުނި ނަމަވެސް އެކަން ކުރާނީ ކިހިނެތްކަން އެ ފަރާތްތަކަށް ސާފުނުވާ ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އެ ކަން ކުރާނީ ކިހިނެތްތޯ އާއި ދާނީ ކޮން ކޯޓަކަށްތޯ އަދި އެކަން ކުރާނީ ކޮން ޤާނޫނެއްގެ ދަށުންކަން އެ ފަރާތްތަކަށް ބުނެދެވިފައިނުވާ ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އިޓްލޮސް އިން ނިންމި މައްސަލަ އިސްތިޢުނާފްކުރުމަކީ ޤާނޫނީ މާހިރުން އަދި ޤާނޫނު ކިޔަވާ ކުއްޖަކު ވެސް ދައްކާނެފަދަ ވާހަކަ އެއް ނޫން ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އިނގިރޭސިވިލާތުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމާމެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަަމަށް ވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މައްސަލައިގައި ޓްރައިބިއުނަލުން ވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ. ސަރުކާރުން ވަނީ މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ފާހަގަކޮށްފައެވެ. ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެފައެވެ.



More from Raajje.mv