ޚިޔާލު ފާޅުކުރުމާއި ސިޔާސީ މިނިވަންކަން އެބައޮތް، އެހެން ނޫންނަމަ މިއަދު 12 މެންބަރުން ތިބޭނީ މަޖިލީހަށް ނުވަދެ - ނިޔާޒް

Mon, 29 May 2023 05:12 PM

View on this article on Raajje.mv

ޚިޔާލު ފާޅުކުރުމާއި ސިޔާސީ މިނިވަންކަން އެބައޮތް، އެހެން ނޫންނަމަ މިއަދު 12 މެންބަރުން ތިބޭނީ މަޖިލީހަށް ނުވަދެ - ނިޔާޒް

ރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި ސިޔާސީ މިނިވަންކަން ނެތްނަމަ, މިއަދު އެމްޑީޕީން ވަކިވި މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެކަމަށް، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންތިޚާބެއްގެ ސައްހަކަން ކަށަވަރުކުރެވެނީ ވަށައިގެން ހުންނަ ހުރިހާ ކަމަކާ އެކުގައިކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން, އިންތިޚާބު ބާއްވަން ތިން މަސް ދުވަހަށް ވެފައިވާއިރު، މިއަދު އިންތިޚާބަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނެތްކަމަށާއި، އަދި އިންތިޚާބަށް ހުރަސްއެޅޭ ކަަމަށް ބުނެ ބައެއް ފަރާތްތަކުން މަސައްކަތްކުރަނީ ކޮން މިނިވަންކަމެއް ނުލިބިގެންތޯ އޭނާ ސުވާލުކުރެއްވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިޔައިރު، އިންތިޚާބަށް ކުރިމަތިލާނެ ކަމަށް ހިތު ނިޔަތް ގަތް މީހަކުވެސް ހުރީ ޖަލުގައިކަަމަށް ނިޔާޒް ވިދާޅުވިއެވެ. މިއަދު ކަންކަން ހިނގަނީ އެއާ މުޅިން ޚިލާފަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންވެސް އިންތިޚާބަށް ޝައުގުވެރިކަން ހުރުމުން އެ މަސައްކަތް ކުރައްވާކަމަށް ނިޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ޕާޓީގައި ތިއްބަވައިގެން ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފަހު ނާކަމިޔާބުވެވަޑައިގަތުމުން ވަކިން ޕާޓީއެއް ހައްދަވައިގެންވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރެވެނީ އެ މާހައުލު ފަހިކޮށްދީފައި އޮތުމުން ކަަމަށާއި، އެހެން ނޫންނަމަ އެމްޑީޕީން ވަކިވި 12 މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެފަދައިން ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި މަޖިލީހުގެ 12 މެންބަރުން އޭރު ވެރިކަން ކުރަމުން އައި ޕީޕިއެމުން ވަކިވެވަޑައިގަތުމުން، ދެން އެ މެންބަރުންނާމެދު ކަންތައްކުރި ގޮތަށް އިޝާރާތްކުރައްވައެވެ. އޭނާ ވިދާޅުވީ އޭރު މަޖިލިސް ތަޅުލައި، މަޖިލީހުގެ ފުރާޅުމަތިން މެންބަރުން އުކި މަންޒަރު ފެނުނުކަަމަށެވެ. އަދި އޭރު އެ މެންބަރުން ކޯޓަށް ގެންގޮސް އެ މެންބަރުން ވަކިކުރިކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

މިއަދު މަޖިލީހުގައި އެމްޑީޕީން ވަކިވި މެންބަރުން ތިބީ މިނިވަންކަމާއެކު ޑިމޮކްރަސީގެ ވާހަކަދައްކަން ކަމަށް އޭނާ ވިދާޅުވިއެވެ. މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ ހަމަކަމަށާއި އެ ވާހަކަ ދެއްކުމުން، އެއީ ހިޓުލަރުގެ އުސޫލު ކަމަށް ބުނުމަކީ ފަހަތަށް ދިއުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް، ސިޔާސީ ގޮތުން ފާޑުކީ އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ ޑިމޮކްރަސީގައި އިންތިޚާބުގެ ނަތީޖާ ބަލައިގަންނަން އެނގެންޖެހޭ ކަމަށާއި އެކަން ކުރެވެން ވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.



More from Raajje.mv