ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމަށް، އަރބަންކޯއިން އައިއޭސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Mon, 29 May 2023 03:47 PM

View on this article on Raajje.mv

ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމަށް، އަރބަންކޯއިން އައިއޭސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އަރބަންކޯއިން، އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަހުމަދު އިގްބާލެވެ.

އައިއޭސީއަކީ ދުނިޔޭގެ އެކި ހަނގުރާމަވެރި ސަރަހައްދުތަކާއި މީހުން ހާލުގައިޖެހި އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުން، އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި ތަންތަން ހޯދައި، އެތަންތަނަށް ބޭނުންވާ އެހީ އަރބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެއެވެ.

މި އެމްއޯޔޫގެ ދަށުން އަރބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އައިއޭސީއިން ފާހަގަކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެކަން ޔަގީންކުރުން ހިމެނެއެވެ. އެގޮތުން ވިލެޖް ނުވަތަ ނެއިބަރހުޑް މާސްޓަރޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަރބަންކޯގެ ދަށުންނެވެ. މީގެ އިތުރަށް އަރބަންކޯގެ ޓީމުން، ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒްއާއި އިންފްރާސްޓްރަކްޗަރ ޕްލޭނިންގއާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އަރބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެންމެންނަށްވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެވުނު އެމްއޯޔޫއެކެވެ.



More from Raajje.mv