ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

Fri, 26 May 2023 09:31 PM

View on this article on Raajje.mv

ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

ނ. މަނަދޫ ނައީމާ މޫސާ މަރާލި ކަމަށް ބެލެވޭ ހަތިޔާރު ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާ ދިންވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ނައީމާގެ މަރުގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށެވެ. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ސީޕީ ހަމީދު ވަނީ މަނަދޫ އަށް ވަޑައިގެން ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ވެސް ބަލާފައެވެ. އަދި ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 


More from Raajje.mv