ރިޔާސީ އިންތިހާބު މޮނިޓަރ ކުރަން ބޭރުގެ އޮބްޒަރވަރުންނަށް ހުޅުވާލައިފި

Sat, 25 Mar 2023 10:11 PM

View on this article on Raajje.mv

ރިޔާސީ އިންތިހާބު މޮނިޓަރ ކުރަން ބޭރުގެ އޮބްޒަރވަރުންނަށް ހުޅުވާލައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒަރވްކުރަން ބޭރުގެ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު 9ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އިންތިޚާބުގެ މަރުހަލާ ބަލައި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ބޭރުގެ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވަނީ ފޯމު ބަލައިގަންނަނީ މާޗް 25ން ޖުލައި 25ގެ ނިޔަލަށް ކަމަށެވެ.

Advertisement

ބައިނަލްއަގުވާމީ އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ކަނޑައެޅިފައިވާ މިންގަނޑުތައްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރު ވުމާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ޖަމްއިއްޔާތަކުގެ މަންދޫބުން، އެ ޖަމްއިއްޔާތަކުން އެކްރެޑިޓްކޮށްފައިވާ އިންތިޚާބީ ހަރަކާތްތަކާ ގުޅޭ ޖަމްއިއްޔާތަކުގެ މަންދޫބުންނަށް ވުމާއި، އަދި އެފަދަ އެއްވެސް ހަރަކާތަކަށް ތާއީދު ހޯދުމަށް އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕޭން ކުރުމުގައި، އެކަމަށް އެދޭ ފަރާތްތަކުން ބައިވެރިވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި، ބައިނަލްއަގުވާމީ އޮބްޒަރވަރުންނާއި މޮނިޓަރުން އަމަލުކުރަންވާނީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 280،000ށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.



More from Raajje.mv