ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކުމުން، ދެ މަހަށް ޖަލަށް

Sat, 25 Mar 2023 04:07 PM

View on this article on Raajje.mv

ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކުމުން، ދެ މަހަށް ޖަލަށް

ކްރިމިނަލް ކޯޓުގެ ޙުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކި މީހަކު 2 މަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ދައުލަތުން އަދަބު މުރާޖައާކޮށްދިނުމަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާ އަދަބު މުރާޖައާކޮށްދިނުމަށެވެ.

ނިމިދިޔަ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، ދައުވާލިބޭ ފަރާތް 17،800 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އޭނާ އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ހުކުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާތީ ދައުލަތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅީއެވެ.

Advertisement

އަދަބު މުރާޖައާކުރުމަށް ބޭއްވުނު އަޑުއެހުމަށް ދައުވާލިބޭ ފަރާތަށް ޗިޓް ރައްދު ކޮށްދެވިފައެއް ނުވެއެވެ. ވުމާއެކު، އޭނާ ކޯޓަށް ހާޒިރުނުވެދާނެކަމުގެ އިޙްތިމާލު އޮތުމުން، 19 ފެބްރުއަރީ 2023ގައި ވަނީ އޭނާ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ޖޫރިމަނާގެ އަދަބުގެ އެއްވެސް މިންވަރެއް ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާކަން މީރާއިން ހުށައެޅި ލިއެކިއުންތަކުންވެސް އެނގޭކަމަށް، ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ. އަދި ހުކުމާ އެއްގޮތަށް އަދަބު ތަންފީޒު ނުކުރެވުނު މަގުބޫލު ސަބަބެއްވެސް އޭނާ ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ވުމާއެކު، ދައުލަތުން އެދިފައިވާ ގޮތަށް އޭނާގެ ޖޫރިމަނާ އަދަބު އަލުން މުރާޖައާކޮށް، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ އޭނާ ކުރި ކުށުގެ އަސްލު އަދަބު ކަމުގައިވާ 2 މަހާއި 29 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އޭނާ 18 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކޮށް، އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 2 މަހާއި 11 ދުވަސްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ، ސަފްވަތު ހަބީބެވެ.



More from Raajje.mv