ކުރެންދޫގައި އިމަރާތްކުރާ 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

Sun, 19 Mar 2023 12:34 PM

View on this article on Raajje.mv

ކުރެންދޫގައި އިމަރާތްކުރާ 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ.ކުރެންދޫގައި އިމަރާތްކުރާ 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗަރގެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެސް.ޖޭ ޓްރޭޑްގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ކުރެންދޫގައި އިމަރާތްކުރާ 50 ހައުސިން ޔުނިޓާއި ގުޅޭގޮތުން ހައުސިންގ ޑިޕާޓްމަންޓްގެ ޑީޖީ ވިޝާން ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް މިމަޝްރޫއާއެކު ވެސް ހާމަވަގެންދާ ކަމަށެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ބިންކުޑަ މި ރަށުގައި ގާއިމްކުރެވޭ ހައުސިން ޔުނިޓް އިމާރާތްކުރަނީ ލިފްޓާއެކު 10 ފްލޯއަށް ކަމަށާއި، އެޕާޓްމެންޓްތައް ޖާގަ ތަނަވަސްވާނެ ކަމަށް ވިޝާން ވިދާޅުވިއެވެ.

Advertisement

މި ހައުސިން ޔުނިޓްތައް އިމާރާތް ކުރެވިގެންދާނީ މަލްޓީ ސްޓޯރީ ބިލްޑިންއެއްގައި 50 އެޕާރޓްމަންޓްއާއި ލިފްޓް ހިމެނޭގޮތަށް ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާ، ބިލްޑިންގ ސާރވިސް އޭރިއާ ހިމެނޭ ގޮތަށެވެ. އެޕާޓްމަންޓްގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. އެޕާޓްމަންޓްގައި ހިމެނެނީ 3 ކޮޓަރި، 3 ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، އާއްމު ރައްޔިތުން ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް ޕާކަކާއި ވެހިކަލް ޕާރކިން އޭރިޔާއެއް ގާއިމްކުރެވިގެންދާނެއެވެ. އަދި އިމާރާތް ވަށައިގެން އަލި ކުރެވިގެންދާނެއެވެ.

މިމަޝްރޫއަށް ހަރަދު ކުރާނީ ދިވެހި ސަރުކާރު ޕީއެސްއައިޕީ ބަޖެޓުންނެވެ. 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަސައްކަތުގެ އަގަކީ 95،980،140.00 ރުފިޔާ އެވެ.


More from Raajje.mv

...