މަރުވި ދަރިންގެގޮތު ފިރިމީހާއަށް ދެއްކީ ބުދުތަކެއް

Tue, 23 Feb 2021 01:03 PM

View on this article on Avas.mv

މަރުވި ދަރިންގެގޮތު ފިރިމީހާއަށް ދެއްކީ ބުދުތަކެއް

ރަޝިޔާ އަންހެނަކު ބަލިވެ އިން ކަމަށް ހެދިގެން ފިރިމީހާއަށް ދޮގު ހަދައިގެން އުޅެނިކޮށް ފަޅާއަރައި މި މައްސަލަ އެ ގައުމުގައި މިހާރު ވަނީ ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫ އަކަށް ވެފަ އެވެ.

ޓެސްޓުގެ ނަތީޖާއިން ބަލިވެކަން ޔަގީން ކުރެވިފައިވާ ކަމަށް ލޯރާ ޑައުޑޯވް އޭނާގެ ފިރިމީހާ ދާއޫދު ކައިރީގައި ބުންޏެވެ. ނަމަވެސް ފިރިމީހާ އުފާ ކުރުވަން ހެދި މި އާދައިގެ ކުޑަކުޑަ ދޮގުގެ ސަބަބުން އޭނާ މުޅި ގައުމަށް ބޭޒާރު ވެދާނެ ކަމަކަށް ލޯރާ އޭރު ހިތަކަށް ނާރަ އެވެ.

ފިރިމީހާއަށް ދޮގު ހެދި ސަބަބު ދިފާއުކޮށް ލޯރާ ބުނީ އޭނާ ބަލިވެ އިން ވާހަކަ ބުނުމުން ފިރިމީހާ ވީ އުފާ ފެނިފައި އެއީ ދޮގެކޭ ބުނަން ނުކެރުނީ ކަމަށެވެ. އަދި އާއިލާގެ މީހުން ކައިރީގައި ވެސް މި ގޮތަށް ދޮގު ހަދަން މަޖްބޫރުވީ ކަމަށެވެ.

"އަހަރެން ރާވައިގެން ކުރި ކަމެއް ނޫން އެއީކީ. އަހަރެންގެ ހިތަށް އެރީ އަހަރެން އިނީ ބަލިވެއޭ. އަހަރެންގެ ބަނޑު އެބަ ބޮޑުވެއޭ. ޖެނުއަރީ މަހު އަހަރެން ވިހަންވާއިރަށް އެނދު ހޯދަން ވެސް ފިހާރައަކަށް ދިޔައިން. އަހަރެންނަށް ޔަގީންވޭ އަހަރެން އިނީ ބަލިވެ ނޫންކަން. އެހެން ނަމަވެސް އަހަރެން ހަމަ ބަލިވެ އިނދެގެން އުޅޭ މީހަކު އުޅޭހެން އުޅެން ބޭނުންވީ،" ލޯރާ ބުންޏެވެ.

ލޯރާ ވިހަން ދާން ހަމަޖެއްސި މެޓާނިޓީ ހޮސްޕިޓަލު ކައިރިން ތަނެއް އޭނާ އެންމެ ފަހުން ކުއްޔަށް ވެސް ހިފި އެވެ. އަދި ފެބްރުއަރީ ތިން ވަނަ ދުވަހު ވިހާނެ ކަމަށް ފިރިމީހާ އާއި އާއިލާގެ މީހުން ކައިރީގައި ބުންޏެވެ. ނަމަވެސް އެ ދުވަސް އައުމުގެ ކުރިން އޭނާ ކުއްލިއަކަށް ވިހައިފި ކަމަށާއި ވިހޭ އިރުވެސް އެއްމާބަނޑު ދެބެން އޮތީ މަރުވެފައި ކަމަށް އެންމެންނަށް އެންގި އެވެ.

"ދެ ދަރިން މަރުވި ވާޙަކަ ބުނީމަ ފިރިމީހާ ބުނި އޭނާގެ އާއިލާގެ މީހުން ވަޅުލާ ތަނުގައޭ އެކުދިން ވަޅުލަންވާނީ،" ލޯރާ ބުންޏެވެ.

ލޯރާ ވިހޭ "ދެ ދަރިން" ގެ ޖަނާޒާއަށް އާއިލާގެ އެންމެން އައިސް ޖަމާވި އެވެ. މަރުވި ދެ ދަރިން ތިބީ ފޮތިގަނޑަކަށް ލާ އޮޅާފަ އެވެ. އެ ކުދިންގެ މޫނު އެއްވެސް މީހަކަށް ލޯރާއެއް ނުދައްކަ އެވެ. ލޯރާގެ ދޮގު ފަޅާ އެރީ ހަމަ ކުއްލިއަކަށެވެ.

ދާއޫދު ބުނި ގޮތުގައި ލޯރާ ދޮގު ހެދިކަން ފަޅާ އެރީ ޖަނާޒާއަށް ގޮސް ހުރި އޭނާގެ ދެބެންގެ ދެ ދަރި ކުއްޖަކާ ހެދި އެވެ.

"މަގޭ ކަޒިންއެއް ބުނެފި މި ދެ ކުދިން ވެސް މީ ހަމަ އިންސާނުންނޭ. ވީމާ އިންސާނުން ވަޅުލާ ގޮތަށް ހުރިހާ ކަމެއް ވެސް ފުރިހަމަ ކޮށްފައޭ މި ކުދިން ވެސް ވަޅުލަން ވާނީ. ކިހާފައި އެތަނުން އެއް ކުއްޖެއްގެ ފޮތިގަނޑު ނިއުޅުވާލިއިރު އެއީ ލޮލެއް ވެސް ނެތް ބުދެއް. އަނެއްކާ ދެ ވަނަ ފޮތިގަނޑު ނިއުޅުވާލިއިރު އޭގައި ވެސް އޮތީ ބުދެއް،" ދާއޫދު ބުންޏެވެ.