ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭ: ވަޒީރު ރަމީލާ

Tue, 22 Oct 2024 10:12 AM

View on this article on PSM News

ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭ: ވަޒީރު ރަމީލާ

ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވަޒީރު ރަމީލާ މިހެން ވިދާޅުވީ އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ކޯޑިނޭޓެޑް ޕޮލިސީ ރެސްޕޯންސަސް ޓު ފުޑް ކްރައިސިސް - ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވާހަކަ ދައްކަވަމުންނެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވަނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާސަތުތައް ހެދުމަށް އެ ކޮމިޓީން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ހައްލެއް ނޫންކަމަށެވެ. އެގޮތުން ރާއްޖެއަކީވެސް މުސްތަޤްބަލުގައި ކާނާގެ ޔަޤީންކަން ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރަމީލާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ރަމީލާ ވިދާޅުވީ ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތަކަށް ބަދަލުވާންވީކީ ނޫންކަމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވާންޖެހޭ ކަމަށެވެ.

އަދި "ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމަޔަށް ހާޞިލްކުރުމުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މައިގަނޑު ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނޭކަމަށް ވަަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތަޢާރަފްކޮށް އެކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގަޔާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

" ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަކީ ހުރިހާ ޤައުމަކުންވެސް ހާސިލްކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިއެއްކަމަށާއި، އެންމެ ކާމިޔާބުކަމާއެކު މިލަނޑުދަނޑި ހާސިލްކުރެވޭނީ ވަކިވަކި ޤައުމުތަކުން ކުރާ މަސައްކަތްތަކަކީ ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހެދިގެން" ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ވަޒީރު ޑރ. އައިޝަތު ރަމީލާ ވަނީ ރާއްޖެފަދަ ކުދި ޤައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މައުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަޞީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ހިއްސާކޮށްދެވޭނަމަ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.





More from PSM News