ޤައުމަށް ވަފާތެރި، ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުންވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

Tue, 22 Oct 2024 10:08 AM

View on this article on PSM News

ޤައުމަށް ވަފާތެރި، ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުންވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ޤައުމަށް ވަފާތެރި، ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުންވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ދުޅަހެޔޮ، ޚުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައިވުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ދަޢުރު ފާހަގަކޮށް، ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ޤައުމުގެ ކުރިއެރުމުގައި މި ޖީލުގެ ޒުވާނުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކޮށް، ޤައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށެވެ.

ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ޒުވާނުންގެ ފަރާތުން ޤައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދަޢުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއްވެސް އުފައްދަވާފައެވެ. އެ ކޮމިޓީ އުފެއްދެވީ މިއަހަރުގެ އޮގަސްޓުމަހުގެ 12 ވަނަ ދުވަހުއެވެ.

ޒުވާނުންގެ ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ތަޢުލީމީ ފުރުޞަތުތަކާއި ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ޒުވާނުންނަށް ޢަމާޒުކޮށް، އިތުރުކުރުމަށް ސަރުކާރާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރެއްވުމަށް، ސަރުކާރުގެ އެކަމަށް ޚާއްސަ ވުޒާރާއެއް "ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ"ގެ ނަމުގައި ވަނީ އުފައްދަވާފައެވެ.





More from PSM News