ޕީއެސްޖީން އެންރީކޭގެ ކޮންޓްރެކްޓް އައުކޮށްފި

Fri, 18 Oct 2024 05:47 AM

View on this article on PSM News

ޕީއެސްޖީން އެންރީކޭގެ ކޮންޓްރެކްޓް އައުކޮށްފި

ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއިއެކު އެ ކްލަބުން ހަދާފައިޥާ އެއްބަސްވުމުގެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މި ސީޒަނުގެ ނިޔަލަށް އެންރީކޭ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު, އޭނާ ޕީއެސްޖީ އާއި ހަވާލުވެފައިވަނީ 2023 ވަނަ އަހަރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެންރީކޭ ޕީއެސްޖީ އާއި ހަވާލުވި ފުރަތަމަ އަހަރު އޭނާ ވަނީ އެ ކްލަބަށް ފްރެންޗް ލީގުގެ އިތުރުން ފްރެންޗް ކަޕް ހޯދައިދީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ކްލަބު ގެންގޮސްދީފަ އެވެ.

ޕީއެސްޖީ އާއިއެކު އެންރީކޭ ހާދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކުރިކަމަށް މީޑިޔާގައި ރިޕޯޓް ކުރި ނަމަވެސް އެ ދެ ފަރާތުންވެސް އަދި ރަސްމީކޮށް މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެންރީކޭ ވަނީ ޕީއެސްޖީ އާއި ހަވާލުވުމަށްފަހު އަގުބޮޑު ކުޅުންތެރިން ގެނައުމުގެ ބަދަލުގައި އެ ކްލަބުގެ އެކަޑަމީއިން ޒުވާން ކުޅުންތެރިން އުފައްދާ އެ ކުޅުންތެރިން ބޭނުން ކުރުމުގެ ސިޔާސަތެއް ބިނާ ކުރުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން ޕީއެސްޖީއަށް ރިކޯޑް އަދަދަކަށް ގޯލު ޖަހައިދީފައިވާ ކިލިއަން އެމްބާޕޭ އެ ކްލަބް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމާއި ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށް އެންރީކޭ ގެންގުޅެފައިވާ ސިޔާސަތަށްވެސް ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ.

ޕީއެސްޖީ އާއި ހަވާލުވުމުގެ ކުރިން އެންރީކޭ ވަނީ ސްޕެއިންގެ ބާސެލޯނާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފަ އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން ވަނީ 15-2014 ވަނަ އަހަރުގެ ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.





More from PSM News