އިމާމުންގެ މަޖިލީހެއް އުފައްދައި، ސިޔާސަތުތައް ކަނޑައަޅާނަން: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

Sat, 21 Sep 2024 07:46 PM

View on this article on PSM News

އިމާމުންގެ މަޖިލީހެއް އުފައްދައި، ސިޔާސަތުތައް ކަނޑައަޅާނަން: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

އިމާމުންގެ މަޖިލީހެއް އުފައްދަވައި އިމާމުންގެ ކަންކަމުގައި ސިޔާސަތު ކަނޑައެޅުމަށް މަޝްވަރާ ހޯއްދަވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިމާމުންގެ މަހާސިންތާ ނިންމެވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިމާމުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އިމާމުންގެ ފަރާތުން ފާހަގަކުރެވުނު މައިގަނޑުން ކަންކަމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަހާސިންތާގެ ތެރެއިން އިމާމުން ހުށަހެޅި މައިގަނޑު ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި އަހަރަކު މަދުވެގެން 100 އިމާމުން ތަމްރީނު ކުރުމާއި، ރާއްޖޭގައި ހިންގާ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން އިމާމުންނަށް ފުރުސަތު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ރައީސުލްޖުމްހޫރީއްޔާއަށް ހުށަހަޅުއްވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ފުރުސަތު އަތޮޅު ތެރޭގައި ހިންގާ ހައުސިން ސްކީމްތަކާއި މާލެ ސަރަހައްދުގައި ހިންގާ ސްކީމްތަކުން ދޭން މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރެވިފައިވާ އިސްލާމީ މަރުކަޒުތަކަށް ދެ އިމާމުން ހަމަޖައްސައި އޭގެ ތެރެއިން އިމާމަކު ބަންގި ދިނުމަށް ހާއްސަކުރާއިރު، އިސްލާމީ މަރުކަޒުގެ މައި އިމާމަކީ ޑިގްރީ ފެންވަރުގެ އިމާމެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކަށް ވުޒާރާގެ މަންދޫބުން ހަމަޖައްސަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެއެވެ.

މި ރަސްމީއްޔާތުގައި ވަޒީރު ވަނީ ތަފާތު އެކި ބަލިތައް ތަހައްމަލް ކުރަމުންދާ އިމާމުން ތިބިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަރާތްތަކަށް އިމާމުންނަށް ދެވޭ އިންޝުއަރެންސް ސްކީމުގައި އިސްކަމެއް ދީގެން އިންޝުއަރެންސް ދިނުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ އިމާމުންގެ ޖަމިއްޔާއެއް ނެތުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި އިމާމުންގެ މަޖިލީހެއް އެކުލަވައި އެ މަޖިލީހުގެ ފަރާތުން ވުޒާރާއަށް ލަފާ އަރުވާ ގޮތަށް ހަމަޖައްސަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިމާމުން ބައިވެރިވެފައިވެއެވެ. އެގޮތުން އޮންލައިންކޮށް 400 އަށްވުރެ ގިނަ އިމާމުން މަހާސިންތާގައި ބައިވެރިވެފައިވެއެވެ. އަދި ހާޒިރުވެގެން މަހާސިންތާގައި 220 އިމާމުން ބައިވެރިވެ ޖުމްލަ 620 އިމާމުން މުޅިއެކު ރާއްޖެއިން ބައިވެރިވިކަމަށް އެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.





More from PSM News