މިނިވަންކަން ދަމަހައްޓަން ރައީސް ކުރައްވަނީ އުންމީދީ މަސައްކަތްތަކެއް: ދިވެހިބަހާ ބެހޭ ވަޒީރު

Fri, 26 Jul 2024 09:20 PM

View on this article on PSM News

މިނިވަންކަން ދަމަހައްޓަން ރައީސް ކުރައްވަނީ އުންމީދީ މަސައްކަތްތަކެއް: ދިވެހިބަހާ ބެހޭ ވަޒީރު

ދިވެހިންގެ މިނިވަންކަން ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ އުންމީދީ މަސައްކަތްތަކެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޤައުމެއް މިނިވަންވަނީ ގިނަ ބަޔަކު ހިންމަތާއި މިންނަތުންކުރާ ބުރަ މަސައްކަތުން ކަމަށެވެ. އަދި މިނިވަންކަމަކީ ހިންމަތާއި ގަދަ ޢަޒުމާއެކުކުރާ މަސައްކަތަކުން ހޯދޭ އެއްޗެއްކަމަށްވާއިރު ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ނަޞީރު ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވަނީ އުންމީދީ މަސައްކަތްތަކެއް ކަމަށެވެ.

ވަޒީރު ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގެ މައްޗަށްވެސް ވާހަކަފުޅުގައި އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަލަސްޠީނުގެ މުސްލިމުން ދިރިއުޅެމުންގެންދަނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަމާއި، އެތަނުގައި އަމާންކަން ޤާއިމްކުރުމަށް ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް ގޮވާލައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް މުޢިއްޒަކީ އަނިޔާއާއި ލާއިންސާނީ ކަންކަން ދުނިޔޭގެ އެއްވެސް ތާކު އޮންނަން ބޭނުންވާ ބޭފުޅެއް ނޫން. މިކަން ދޭހަވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމާލަތަކާ ދެކޮޅަށް އަޑުއުފުއްލަވާ، މި މައްސަލައާމެދު އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު." ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ސިޔާސަތުތަކެއް ގެންގުޅުއްވައެވެ. އެގޮތުން ދިވެހިރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމްވެގެން ނުތިބެވޭނެކަމަށް ވިދާޅުވެ ވެވާޑައިގެންނެވި ވަޢުދާއެއްގޮތަށް ރާއްޖޭގައި ތިބި ބޭރުގެ 70 އަށްވުރެ ގިނަ ސިފައިން އަނބުރާ ވަނީ ޤައުމަށް ފޮނުވާލާފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހިންނަށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުމަށް ދިވެހި އަސްކަރިއްޔާގައި އެއަރކޯ އުފެއްދަވާ ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަަހައްދު ދިވެހި އަސްކަރިއްޔާއަށް ސައުވީސް ގަޑިއިރު ބެލެހެއްޓޭނެ ޤާބިލްކަން ޤާއިމްކުރައްވާފައިވެއެވެ.

މިނިވަން ދުވަސް ކޮންމެއަހަރަކުވެސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުމުންނެވެ. ރާއްޖެ މިނިވަންވީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު މިނިވަންކަމުގެ އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.





More from PSM News