ޣައްޒާގެ ދެކުނުގެ ހަސްފަތާލުތަކުން ތެޔޮ ހުސްވެ, ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު

Fri, 10 May 2024 07:50 PM

View on this article on PSM News

ޣައްޒާގެ ދެކުނުގެ ހަސްފަތާލުތަކުން ތެޔޮ ހުސްވެ, ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު

ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގެ ސަރަޙައްދީ ރޮނގު އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުމާ އެކު, އެ ސަހަރުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހިންގާ ހަސްފަތާލުތަކުން ތެޔޮ ހުސްވުމާ ގާތްވެފައިވާ ކަމަށް ބުނެ, ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ އިންޒާރު ކުރައްވައިފިއެވެ. ޔަހޫދީ ފައުޖުން ބަރުހަތިޔާރާ އެކު ރަފަޙުގެ ސަރަޙައްދީ ރޮނގަށް އަތްގަދަ ކޮށްފައި ވަނީ މޭ 7ގައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ, ޣައްޒާގެ ދެކުނުގައި ހުރި ހަސްފަތާލުތަކުގައި ތިން ދުވަހުގެ މުއްދަތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ މިންވަރަށް ވެސް ތެޔޮ ނެތް ކަމުގައެވެ. އަދި, ރަފަޙް ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސް, ތެލާއި ޒަރޫރީ ސާމާނު އެ ސަހަރަށް އެތެރެ ކުރަން ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ.

ޓެެޑްރޯސް ވިދާޅުވީ, ޣައްޒާގައި އދއިން ހިންގާ ހަސްފަތާލުތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރަން ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހި, ހައިހޫނުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެތި އެ ސަހަރަށް އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ.

"ރަފަޙް ހުރަސް ބަންދުކޮށް, ޣައްޒާއަށް ތެޔޮ އެތެރެ ކުރަން އދއަށް ވެސް ވަނީ ހުރަސް އަޅާފައި. ތެލާއި ނުލައި އިންސާނިއްޔަތަަށް ޓަކައި ދޭ އިޖުތިމާޢީ ޚިދުމަތްތައް ހުއްޓޭނެ. ރަފަޙް ހުރަސް ބަންދުކޮށް, ޔަހޫދީ ފައުޖުން ދަނީ އިންސާނީ އެހީގެ ސާމާނު ވައްދަން ވެސް ހުރަސް އަޅަމުން. ޣައްޒާގެ ދެކުނުގައި ހުރި ހަސްފަތާލުތަކުން ތިން ވަރަކަށް ދުވަހުގެ ތެރޭގައި ތެޔޮ ހުސްވާނެ،" ޓެޑްރޯސް ވިދާޅުވިއެވެ.

ޣައްޒާގެ ރަފަޙުގައި ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން މި ވަގުތު ތިބިއިރު, ޔަހޫދީ ފައުޖުން ދަނީ އެއްގަމު މަގުން އެ ރަށަށް އަރައި ޢުދުވާން ފުޅާ ކުރަން ތައްޔާރުވަމުންނެވެ. ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުން ވަނީ ރަފަޙް ވަށައިލާފައެވެ. އަދި, ރަފަޙުގެ އިރުމަތީގައިވާ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައެވެ.

އދގެ އާބާދީއާ ބެހޭ ފަންޑު (ޔޫއެންއެފްޕީއޭ)ން ބުނީ, ރަފަޙުގައި ހުންނަ މާބަނޑު މީހުންގެ މައި ހަސްފަތާލުން ޚިދުމަތް ދިނުން މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމުގައެވެ. 2023 އޮކްޓޫބަރު 7ގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފެށުމުގެ ކުރިން ދުވާލެއްގެ މައްޗަށް 85އާއި 180އާ ދެމެދު ޢަދަދަކަށް އަންހެނުން ވިއްސަމުން ދިޔަ ހަސްފަތާލުގައި މާބަނޑު މީހުން އެޑްމިޓު ކުރުން ހުއްޓައިލާފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

ފަލަސްޠީނަށް ޞިއްޙީ ފަރުވާގެ ސާމާނު ފޯރުކޮށްދޭ މެޑިކަލް އެއިޑް ފޯ ޕަލަސްޓައިން (މެޕު)ން ބުނީ, ރަފަޙުގެ މައި ހަސްފަތާލު, އަލް-ނައްޖާރު ހަސްފަތާލުން ވެސް ޞިއްޙީ ފަރުވާ ދިނުން މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމުގައެވެ. އެ ހަސްފަތާލުގެ ވެރިޔާ މަރްވާން ޙުއްމުޞް ވިދާޅުވީ, އެ ހަސްފަތާލު ހުސް ކުރަން ޔަހޫދީ ފައުޖުން އަންގާފައިވާ ކަމުގައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ, ރަފަޙު ދިފާޢު ކުރަން އެ ޖަމާޢަތުގެ މުޖާހިދުން ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާ ކުރިމަތިލަމުންދާ ކަމުގައެވެ. ރަފަޙްގެ އިރުމަތީގައިވާ ސަރަޙައްދުތައް ހުސްކުރަން ޔަހޫދީ ފައުޖުން އަމުރު ކުރުމުން, އެ ސަރަޙައްދުތަކުގައި ދިރިއުޅެންދިޔަ 110,000އެއްހާ މީހުން ވަނީ ޚާން ޔޫނިސަށް ދަތުރު ކޮށްފައެވެ.

ރަފަޙްގައި ތިބި ރައްޔިތުން ބުނީ, އެ ރަށުގެ ސްކޫލްތަކާއި ހަސްފަތާލުތަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދޭން ފަށާފައިވާ ކަމުގައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން އެ ރަށަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 35އަށް އަރައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,904އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,514އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.





More from PSM News