އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް އެމެރިކާގެ ވޮޝިންގްޓަނަށް

Fri, 10 May 2024 11:33 AM

View on this article on PSM News

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް އެމެރިކާގެ ވޮޝިންގްޓަނަށް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައި ވިއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ބީސީސީއިން ބުނީ މިހާރު ދިވެހި އުފެއްދުންތައް ވޮޝިންޓަންގައި ވިއްކަން ފަށާފައިވާކަމަށެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ އޮތެންޓިކް މޯލްޑިވްސްގެ 6 އުފެއްދުމެއް ވޮޝިންގްޓަން ޑީސީގައި ހުންނަ ވަރލްޑް ބޭންކްގެ ހެޑްކުއާޓާޒްގައި ބަހައްޓާފައިވާކަމަށެވެ.

ބީސީސީއިން ބުނީ މި ހުޅުވާލެވުނު ފުރުޞަތަކީ މުޅި ދުނިޔެއަށް ދިވެހި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މީގެ ކުރިން ހުޅުވާލެވިފައިނުވާ ފަދަ ބާޒާރުތަކަށް މަގުފަހި ވެގެންދާނެ ފަދަ ފުރުޞަތެއްކަމަށެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ މަޤުބޫލުކަން އިތުރު ކުރުމަށް އެޅޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ބީސީސީއިން ވަނީ ބުނެފައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހި އުފެއްދުންތެރިންނަށް ތަކެތި ވިއްކޭނެ އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށެވެ. މި ސަރަހައްދުގެ އިތުރު ޤައުމުތަކުގައިވެސް ދިވެހި އުފެއްދުންތެރިންގެ ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މާކެޓްގައި އަޅުގަނޑުމެންގެ އުފެއްދުންތައް މާކެޓްކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އެބަދަން. އެގޮތުން މިއަދު ވޮޝިންޓަންގައި އުފެއްދުންތައް ވިއްކަން ފެށުމަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ހާއްސަކޮށް އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން މި ފުރުސަތު ފަހިކޮށްދެވުނީމަ." ޒިޔާއު ވިދާޅުވިއެވެ.

ބީސީސީއިން ބުނީ އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ވޮޝިންޓަންގައި އުފެއްދުންތައް ވިއްކުމަށް ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހި އަންހެން ވިޔަފާރިވެރިންނަށްކަމަށެވެ. އަދި މި ފުރުސަތަކީ ދިވެހި ކަނބަލުންގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރުތަކަށް ފޯރުކޮށް ދިނުމަށް ޓަކައި ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެކަމަށެވެ.

މިހާރުވެސް ޖަޕާންގެ ދެ އެއަރޕޯޓެއްގައި އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ. އެއީ ކަންސާއީ އަދި ނަރީތާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ.

އޮތެންޓިކް މޯލްޑިވްސްގެ 4 އައުޓްލެޓެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ވަނީ ޤާއިމްކޮށްފައެވެ. އެއީ މާލެ، ކްރޮސްރޯޑްސް މޯލްޑިވްސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އިތުރު ފިހާރަތައް ހުޅުވުމުގެ މަސައްކަތްވެސް ބީސީސީއިން ދަނީ ކުރަމުންނެވެ. އެގޮތުން އއ. ތޮއްޑޫގައި މި މަރުކާގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް ބީސީސީއިން ދަނީ ކުރަމުންނެވެ.

މި ފިހާރަތަކުގައި 300 އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިންގެ 5،000 އަށް ވުރެ ގިނަ ދިވެހި އުފެއްދުންތައް ލިބެން ހުރެއެވެ.





More from PSM News