ނިމިދިޔަ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދާނަން: ވަޒީރު ރާފިޢު

Mon, 06 May 2024 12:31 PM

View on this article on PSM News

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދާނަން: ވަޒީރު ރާފިޢު

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރާ ގުޅޭ ހުރިހާ މަޝްރޫޢެއް މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ސުވާލުކޮށްފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ މަޝްރޫޢުތައް އެންމެ އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ މެމްބަރުން ވަނީ ކުރީ ސަރުކާރުން ކުޅިވަރާގުޅޭ މަޝްރޫޢުތައް ފަށާފައިވާއިރު، އެ މަޝްރޫޢުތަކުގެ ތެރެއިން އެއްވެސް މަޝްރޫޢެއް ހުއްޓާލާނެ ތޯ ސުވާލުކޮށްފައެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރާގުޅޭ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާނެ ކަމަށެވެ.

"މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަށާފައި، ނުވަތަ ކުޅިވަރާ ބެހޭ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާގޮތަށް ނެތް ހަމަޖެހިފައެއް، އެއީ ވަކި ހިސާބުތަކަށް ގެންގޮސްްފައި ހުރި ޕްރޮޖެކްޓްސްތަކާއި، ނިމެން ކައިރިވެފައި ހުރި ޕްރޮޖެކްޓްސް، މި ހުރިހާ ޕްރޮޖެކްޓްސްތަކުގެ މަސައްކަތްދަނީ ކުރިއަށް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫޢުތަކަކަށްވުމުން، އެ މަޝްރޫޢުތައް އަވަހަށް ނިންމުމަކީ މުހިއްމު ކަމެއްކަމަށެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ލޯންގު ޓަރމް ސްޕޯޓްސް ޑިވެލޮޕްމަންޓު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ފްރޭމް ވޯކެއް އެކުލަވާލާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ ބަހައްޓާނީ، އިންޓަރނޭޝަނަލް މުބާރާތް ކުޅޭނީ ކޮންތަންތާކުތޯ، ކުޅިވަރު ޓްރެއިނިންތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމް ވޯކެއްވަނީ އެކުލަވާލާފައި، އެކަން ތަންފީޒުކުރަން ތަފްސީލީ މަސައްކަތްތައް އެސޯސިއޭޝަންތަކާއި ގުޅިގެންދަނީ ކުރިއަށް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރުތައް ކުރިއެރުވުމުގައި އެ ކުޅިވަރަކާއި ގުޅޭ އެސޯސިއޭޝަންތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށެވެ. އަދި މިކަމަށްޓަކައި ބޭރުގެ ތަޖުރިބާކާރުން ގެނެސް އެސޯސިއޭޝަންތަކާއި މަޝްވަރާކޮށް، އެކަމުގެވެސް ހުލާސާ ކަރުދާހެއް މިހާރު ތައްޔާރުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.





More from PSM News