މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް

Sun, 05 May 2024 01:16 PM

View on this article on PSM News

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ.

ކުއާޓަރު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިޔުއެސްސީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 76.2 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. މިއީ 40.3 މިލިޔަން ރުފިޔާގެ ފައިދާގެ އިތުރުވުމެކެވެ.

މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާއެވެ. އެހެންނަމަވެސް ޚަރަދުތައް ކުޑަކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިޔުއެސްސީއަށް ލިބިފައިވާއިރު، ގަތް ތަކެތީގެ އަގު ކެނޑުމަށްފަހު ގްރޮސް ޕްރޮފިޓުގެ ގޮތުގައި ލިބިފައިވަނީ 181 މިލިޔަން ރުފިޔާއެވެ. އަދި ޚަރަދުތައް ކެނޑުމުން އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާއެވެ. އަދި ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އެކުންފުންޏަށް 89 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.





More from PSM News