މިއަދު ބޭއްވި 4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

Sat, 04 May 2024 09:39 PM

View on this article on PSM News

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ 6 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ތެރެއިން 4 ބައި-އިލެކްޝަން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީnް ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބާއްވާފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލްގެ މެންބަރުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެވެ.

މީގެ ތެރެއިން ޕީއެންސީން ވަނީ ހއ. އުތީމް، ހއ. ތަކަންދޫ، ރ. އިންނަމާދޫ އަދި ނ. ވެލިދޫ ކައުންސިލް ގޮނޑި ކާމިޔާބުކޮށްފައެވެ.

އޭގެ އިތުރަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ތެރެއިން ބާކީ ނ. ލަންދޫ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މ. މަޑުއްވަރީ ކައުންސިލުގެ ރައީސް ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޑިމޮކްރެޓްސް ޕާޓީންނެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް 3 ފޮށި ބަހައްޓާފައިވާއިރު، މި ފޮށިތައް ހުންނާނީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 8 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ވެލިދޫގައި 3 ފޮށި ބަހައްޓާފައިވާއިރު ބާކީ އޮތް 5 ރަށުގައި ބަހައްޓާނީ އެންމެ ފޮއްޓެކެވެ. މި ބައި-އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.





More from PSM News