ގައުމީ ކްރިކެޓް މުބާރާތް: މާލޭ ވެޓެރަންސް އާއި މިލާނަށް މޮޅެއް

Sat, 04 May 2024 07:23 PM

View on this article on PSM News

ގައުމީ ކްރިކެޓް މުބާރާތް: މާލޭ ވެޓެރަންސް އާއި މިލާނަށް މޮޅެއް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގައި މި ހަފުތާ ބަންދުގައި ކުޅުނު މެޗުތަކުން މާލޭ ވެޓެރަންސް އާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗުން މާލޭ ވެޓެރަންސް މޮޅުވީ ފުވައްމުލައް ކްރިކެޓް އެކެޑަމީ އަތުން ފަސޭހަކަމާއެކު 417 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މާލޭ ވެޓެރަންސް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 507 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 116 ބޯޅައިން 150 ލަނޑު ހެދި ޕިޔާލް ކުމާރާއި، 59 ބޯޅައިން 124 ލަނޑު އެއްކުރި އެރަންޑް ސަންޖީވެވެ. ޖަވާބުގައި ފުވައްމުލައް ކްރިކެޓް އެކެޑަމީ ކުޅެން އަރައި 30.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ. މި އިނިންގްސްގައި މާލޭ ވެޓެރަންސްގެ ތަރޫޝާ ކަވިންދަ ތިން ވިކެޓް ނެގިއިރު، އެ ޓީމުގެ އަސްކަރު ހުސެއިން ވަނީ ދެ ވިކެޓް ނަގާފައެވެ.

މި މުބާރާތުގައި އިއްޔެ ހެނދުނު ކުޅުނު މެޗުން މިލާން މޮޅުވީ ސީބީއެލް ސްޕޯޓްސް ބައްދަލުކޮށް 117 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ވަނީ 245 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 117 ބޯޅައިން ސެންޗަރީއެއް ހެދި ޔޫސުފް އަޒިޔާނެވެ. އަދި އެ ޓީމުގެ މުޙައްމަދު އައްޒާމް ވަނީ 52 ބޯޅައިން 51 ލަނޑު ހަމަކޮށްފައެވެ. ޖަވާބުގައި ސީބީއެލް ކުޅެން އަރައި 34.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 66 ބޯޅައިން 73 ލަނޑު ހެދި މަލިތު ޑެ ސިލްވާއެވެ. މި އިނިންގްސްގައި މިލާންގެ އިސްމާޢީލް ނަޒްވާން އާއި އިބްރާހީމް ރިޒާން، މި ކޮންމެ އުކުންތެރިއަކު ވަނީ ތިން ވިކެޓް ނަގާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިދިޔަ ބުދަ ދުވަހު ކުޅެން އޮތް މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފުވައްމުލައް ކްރިކެޓް އެކެޑަމީގެ ކުޅުންތެރިން ހާޒިރުނުވުމުގެ ސަބަބުން، އަމްޕަޔަރުން ވަނީ އެ މެޗުން ސީބީއެލް މޮޅުވީ ކަމަށް ނިންމާފައެވެ.

މި ނަތީޖާތަކާއެކު ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ އެއްވަނައިގައި އޮތް މިލާން އާއި، ދެވަނައިގައި އޮތް ސީބީއެލްއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އެކަމަކު ސީބީއެލްއިން ވަނީ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. އަދި ތިންވަނައިގައި އޮތް މާލޭ ވެޓެރަންސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނިއު ސްޓަރ އާއި ފުވައްމުލައް ކްރިކެޓް އެކެޑަމީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓަރ އާއި މާލޭ ވެޓެރަންސްއެވެ.





More from PSM News