ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ކުޑަކުދިންގެ ބަގީޗާގައި ކުޅޭ ސަރަޙައްދެއް

Sat, 04 May 2024 07:21 PM

View on this article on PSM News

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ކުޑަކުދިންގެ ބަގީޗާގައި ކުޅޭ ސަރަޙައްދެއް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ބޭނުން ކުރެވޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅޭ ސަރަހައްދެއް މާލޭގެ ކުޑަކުދިންގެ ބަގީޗާގައި ޤާއިމްކޮށްފިއެވެ.

މި ކުޅޭ ސަރަޙައްދު ތަރައްޤީކޮށްފައިވަނީ ރޮޓަރީ ކްލަބް އޮފް މާލެއިން ސިފްކޯގެ އެހީތެރިކަމާއެކުގައެވެ. މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އިބްރާހިމް ހިލްމީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޮޓަރީ ކްލަބުން ސިފްކޯގެ އެހީއާއެކު ޤާއިމްކޮށް ހުޅުވި ކުޅޭ ސަރަޙައްދުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާއެކު ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި، އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯއްޔެއް ބަހައްޓާފައިވެއެވެ. އަދި ބެލެނިވެރިޔާ އެއް ފަރާތުގައި އިނދެގެން ބޭނުން ކުރެވޭނެ އެހެން އާލާތްތައްވެސް ތަރައްޤީކޮށްފައިވެއެވެ.

ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ކުޅޭ ސަރަޙައްދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޮޓަރީ ކްލަބުން އޮފް މާލޭގެ ރައީސް ޢަބްދުﷲ ނައުޝާދު ވަނީ ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ވަޞީލަތްތަކެއް ޤާއިމްކޮށްފައިވަނީ މިހާރު ބޭނުން ކުރަމުންދާ އެއްވެސް ޕާކެއްގައި ނުކުޅެންތެރިކަން ހުންނަ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްސްތައް ނެތުމުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

މިއީ އެއްވެސް ކުއްޖަކު ތަފާތުކުރުމެއްނެތި އެކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި ސަރަޙައްދެއްކަމަށް އެނާ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރާކަމެއް. މިއީ ރާއްޖޭގެ ގިނަ ޕާކުތަކެއްގައި އެއްކޮށް ކުޅެލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ފެށުން." ރޮޓަރީ ކްލަބުން އޮފް މާލޭގެ ރައީސް ޢަބްދުﷲ ނައުޝާދު ވިދާޅުވިއެވެ.

ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ ކުޅިވަރުތަކުގައި ހުރިހާ ކުދިން ބައިވެރިކުރުވުމަކީ ކުޑަކުދިންގެ ބަގީޗާއަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށެވެ.

"ހުރިހާ ކުޅިވަރުތައް އެއްތަނަލަށް ލުމުގެ ބޭނުމަކީވެސް ހުރިހާ ކުދިން އެއްކޮަށް ކުޅިވާރުކުޅޭ ވަޞީލަތްތައް ބޭނުންކުރުން. ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވިއެވެ.


ރޮޓަރީ ކްލަބް އޮފް މާލެއަކީ މުޖްތަމައުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކްލަބެކެވެ. އެ ކްލަބުން މީގެ ކުރިން ވަނީ ބައެއް ރަށްރަށުގައި ފެން ޕްލާންޓާއި އެހެނިހެން ބޮޑެތި އެހީތައް ވެފައެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގިނަ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.





More from PSM News