މުޖުތަމައުގެ ދުޅަހެޔޮކަމަށް ދައުލަތުގެ މީޑިއާ މުހިއްމު: ނައިބު ރައީސް

Sat, 04 May 2024 12:43 PM

View on this article on PSM News

މުޖުތަމައުގެ ދުޅަހެޔޮކަމަށް ދައުލަތުގެ މީޑިއާ މުހިއްމު: ނައިބު ރައީސް

ސަރުކާރާއި ރައްޔިތުންނާއި ގުޅުވާލަދޭ ފާލަމަކީ ދައުލަތުގެ މީޑިއާ ކަމަށާއި، މިއީ މުޖުތަައުމުގެ ދުޅަހެޔޮކަމާއިވެސް ގުޅިފައިވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސް ޓީމާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވަނީ ޕީއެސްއެމް ނިއުސް ޓީމުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރާއި ރައްޔިތުން ގުޅުވާލަދޭ ފާލަމަކީ ދައުލަތުގެ މީޑިއާކަމަށާއި، މިކަން މިގޮތަށް ދެމެހެއްޓުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

"ރެއާއި ދުވާލު ތިކުރާ މަސައްކަތުގެ ސަބަބުން، ސަރުކާރާއި ރައްޔިތުންނާއި ގުޅުވާލަދިނުމުގެ މި ފާލަން އެއްގޮތެއްގައި ބެހެއްޓުމަށް ތިކުރާ މަސައްކަތަކީ މުޖުތަމައު ދުޅަހެޔޮ ސިއްހަތެއްގައި ބޭއްވުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެއް،" ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް 7 އަހަރު ފުރިގެން ދިޔައިރު، ރައްޔިތުންގެ މެދުގައި މަޤުބޫލު ޗެނަލަކަށް މި ޗެނަލްވެފައިވާކަމަށެވެ.

މި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުވަނީ ޕީއެސްއެމްގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތަކާއި، އާންމު ރައްޔިތުންނާއި ގުޅުންހުރި ތަފާތު މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމަށް ކުރަނީ ބުރަ މަސައްކަތެއްކަމަށް މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފީޑް އެހެން މީޑިއާތަކުންވެސް ގިނަ ފަހަރަށް މި ބޭނުންކުރަނީ،ބަލަން ތިބޭ މީހުންނަށް އަސްލު މަންޒަރު ސިފަ ނުވެދާނެ، ޓީމު ކެމެރާ ކުރިމަތީގައި އަދި ފަހަތުގައި ތިބެގެން ކުރަނީ ބުރަ މަސައްކަތްތަކެއް." ޒީނާ ވިދާޅުވިއެވެ.

މެނޭޖިންގ ޑިރެކްޓަރ ޒީނާ ވިދާޅުވީ ޕީއެސްއެމްއަށް ކުރިމަގުގައި އިތުރު ކުރިއެރުންތައް ލިބިގެން ދިޔުމަށް ފޮނި އުންމީދުތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން ކުންފުނީގެ މަސައްކަތްތަކަށް އައު އިމާރާތަކާއި، މުވައްޒަފުންނަށް ފްލެޓު ލިބޭނެ މަގެއް ތަނަވަސްވުމުގެ އިތުރަށް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތައް ދިނުމަކީ ކުންފުނިން ކުރަން ބޭނުންވާ ކަންތައްތައްކަމަށް ޒީނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ޕީއެސްއެމް ނިއުސްގެ ފަރާތުން ނައިބް ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ދުވަހުގެ މުނާސަބަތުގައި ޚާއްސަ ކޭކު ފެޅުމުގެ ހަރަކާތުގައިވެސް ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.





More from PSM News