ތުރުކީވިލާތުން ޔަހޫދީންނާ އެކު ވިޔަފާރި ކުރުން ހުއްޓައިލައިފި

Sat, 04 May 2024 01:31 AM

View on this article on PSM News

ތުރުކީވިލާތުން ޔަހޫދީންނާ އެކު ވިޔަފާރި ކުރުން ހުއްޓައިލައިފި

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ތުރުކީވިލާތުން ޒަޔަނިސްޓު އިސްރާއީލާ އެކު ވިޔަފާރި ކުރުން ހުއްޓައިލައިފިއެވެ. މި ކަން އިޢުލާނު ކުރަމުން ތުރުކީވިލާތުގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ, އިސްރާއީލަށް މުދާ ވިއްކުމާއި, އިސްރާއީލުން މުދާ ގަތުން މެދުކަނޑައިލާފައިވާ ކަމުގައެވެ.

އެ ވުޒާރާއިން ބުނީ, ޔަހޫދީންގެ ދަޢުލަތާ އެކު ވިޔަފާރި ކުރުން މެދުކަނޑައިލާފައި ވަނީ ޔަހޫދީންގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ޣައްޒާގެ މުސްލިމުންގެ އިންސާނީ ހާލަތު ދަށްވަމުން ދިޔުމާ ގުޅިގެން ކަމުގައެވެ. "އިސްރާއީލުން އެއްވެސް މުދަލެއް އިމްޕޯޓު ކުރުމާއި, އިސްރާއީލަށް އެއްވެސް މުދަލެއް އެކްސްޕޯޓު ކުރުން ވަނީ މެދުކަނޑައިލާފައި. ހުރިހާ ވައްތަރެއްގެ މުދަލަކަށް މި ސިޔާސަތު ހިނގާނެ،" އެ ވުޒާރާއިން ބުންޏެވެ.

2023ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު 6.8 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. "ތުރުކީވިލާތުން ވަރަށް ހަރުކަށިކޮށް މި ސިޔާސަތު ތަންފީޒު ކުރާނަން. މި ސިޔާސަތުތަކަށް ލުޔެއް ލިބޭނީ, [ޒަޔަނިސްޓު] އިސްރާއީލުގެ ސަރުކާރުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމުން،" އެ ޤައުމުގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ތުރުކީވިލާތުން ހުސްވި އޭޕްރިލް މަހު ވެސް ވަނީ އިސްރާއީލާ ދެކޮޅަށް ވިޔަފާރީގެ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ވައިގެ މަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީ އިސްރާއީލުން ތުރުކީވިލާތަށް ހުރަސް އެޅުމުންނެވެ.

ތުރުކީވިލާތާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ވިޔަފާރި ކުރުން މެދުކަނޑައިލުމާ ގުޅިގެން ޔަހޫދީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި, ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ޔަހޫދީންގެ ޖައްބާރު ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ސިފަކޮށްފައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,596އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ
ޢަދަދު ވަނީ 77,816އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.





More from PSM News