ކެރަމްގައި ރާއްޖޭގެ ކުރިއެރުމަށް ތައުރީފު ހައްގު: އައިސީއެފް

Thu, 02 May 2024 08:10 PM

View on this article on PSM News

ކެރަމްގައި ރާއްޖޭގެ ކުރިއެރުމަށް ތައުރީފު ހައްގު: އައިސީއެފް

ކެރަމްގައި ރާއްޖެއިން ހޯދަމުންދަނީ ފާހަގަކޮށްލަންޖެހޭ ބޮޑެތި ކާމިޔާބީތަކެއް ކަމަށާއި، ރާއްޖޭގެ ކުރިއެރުމަށް ތައުރީފު ހައްގު ކަމަށް އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ޖެނެރަލް ސެކްރެޓަރީ ވީޑީ ނަރަޔަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދާދި ފަހުން ނިމުނު ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކެރަމް ޓީމުން ވަނީ ތާރީޚީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކޮށް ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއިރު، މިއީ މިދިޔަ 21 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގެ ފައިނަލުގައި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު، މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާ ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނާއި ޓީމުތަކަށް އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިސީއެފްގެ ޖެނެރަލް ސެކްރެޓަރީ ނަރަޔަން ވިދާޅުވީ އެއްވެސް މައްސަލައެއް ނުޖެހި ކެރަމްގެ ބޮޑު މުބާރާތެއް ރާއްޖޭގައި ނިމިގެންދިއުން މިއީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ. އަދި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓީމުން މި މުބާރާތް ބޭއްވުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގަތުން އެއީ މުޅި ކެރަމް އާއިލާއިން އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ސަރުކާރުން ކެރަމް ކުރިއަރުވަން ބޭނުންވުން ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން މި ކުޅިވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ކެރަމްގައި ރާއްޖެ އަބަދުވެސް ގަދަ ތިން ގައުމުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ފަހަކަށް އައިސް ހޯދަމުންދާ ނަތީޖާތަކާއެކު ދުނިޔޭގެ ވަރުގަދަ ގައުމުތަކުގެ ވަރުގަދަ އެތުލީޓުން ދަނީ ބަލިކުރަމުންނެވެ. މިއީ ރާއްޖޭގެ ކެރަމް ވަރުގަދަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އައިސީއެފްއިން ދެކެއެވެ.





More from PSM News