ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާނެ: ވަޒީރު

Tue, 30 Apr 2024 10:15 AM

View on this article on PSM News

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާނެ: ވަޒީރު

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސިއްހަތާބެހޭ ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނ.ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ގުޅޭގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރ އަޙްމަދު އީސާ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ހަލީލްއަށް ދެންނެވި ސުވާލުގައި އެއްސެވީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ކޮންޓްރެކްޓްކޮށް، ސައިޓް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވީނަމަވެސް މަސައްކަތް ފެށިފައިނުވާ ކީއްވެތޯއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވީ، ކުޑަފަރީ ސިއްހީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ ދައުރު ނިމުނުއިރުވެސް އެ މަސައްކަތް ފަށާފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާންމު އުސޫލެއްގެ ގޮތުން ކޮންޓްރެކްޓަރާއި ހަވާލުކުރުމަށްފަހު 2 ހަފްތާގެ ތެރޭގައި ސައިޓް މޮބިލައިޒްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން 2 ފަހަރެއްގެ މަތިން ކޮންޓްރެކްޓަރާއި މަޝްވަރާކޮށްފައިވާއިރު، މިހާތަނަށް އައިއިރު ސައިޓް މޮބިލައިޒްކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮންޓްރެކްޓަރ ބަދަލުކޮށްގެން ނަމަވެސް ނ.ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ވާނީ މިހާރު ނޯޓިސްވެސް ފޮނުވާފައި. އެ މަސައްކަތަކީ ކުރިއަށްދާނެ ކަމެއް. މިހާރުގެ ކޮންޓްރެކްޓަރަށް ނުވާކަމަށްވަންޏާ އެހެން ކޮންޓްރެއް މެދުވެރިކޮށްވެސް ކުޑަފަރީގެ ހެލްތް ސެންޓަރުގެ އައު އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާނެ." ވަޒީރު ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވީ، ކުޑަފަރީ ސިއްހީ މަރުކަޒުގައި މިހާރުން މިހާރަށްވެސް ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބަލަމުން އަންނަކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރަން، ކުރަންޖެހޭ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވެސް ޚިދުމަތެއް ހުއްޓިފައިވާނަމަ އެ ޚިދުމަތެއް އަލުން ފަށާނެކަމަށާއި، އެގޮތަށް ހުއްޓިފައި ހުރި ބައެއް ޚިދުމަތްތައް މިހާރުވެސް ފަށާފައިވާކަމަށެވެ.





More from PSM News