ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން 15 ގައި

Tue, 30 Apr 2024 10:04 AM

View on this article on PSM News

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން 15 ގައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަހު 15 ވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ.

އެފްއޭއެމްއިން އެންމެ ފުރަތަަމަ އެކުލަވާލި ޑްރާފްޓް ކަލަންޑަރުގައި، ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ތާވަލުކުރީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހަށެވެ. އެކަމަކު ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު، ފުޓްބޯޅަ ސީޒަން ފެށުން ވަނީ ފަސްކޮށްފައެވެ.

އެފްއޭއެމްއިން އަލަށް އެކުލަވާލި ކަލަންޑަރު، އެ އެސޯސިއޭޝަނުން ވަނީ "ޕީއެސްއެމް ސްޕޯޓްސް" އަާ ހިއްސާކޮށްފައެވެ. އެ ކަލަންޑަރުގައިވާ ގޮތުން ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ކުރިން އަންނަ މަހުގެ 20 ވަނަ ދުވަހު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗަށްފަހު މި ފަހަރުވެސް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 22 އިން ޖުލައި މަހުގެ 22 ގެ ނިޔަލަށެވެ.

ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހެވެ. މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ލީގު ކުރިއަށްދާނެއެވެ.

ޕްރިމިއަރ ލީގުގެ ތެރެއިން އެފްއޭ ކަޕުގެ ކުޅުން ކުރިއަށްދާއިރު، އެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 20 ގައެވެ.

ކުރިއަށް އޮތް ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަށާއިރު، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވަނީ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

މީގެ އިތުރުން 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޖުލައި މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، 14 އަހަރުން ދަށުގެ ޔޫތު ލީގު ވަނީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައެވެ. އަދި 12 އަހަރުން ދަށުގެ ޔޫތު ލީގު ފެށުމަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހެވެ.

މި ކަލަންޑަރުގައިވާ ގޮތުން އޯގަސްޓް މަހު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު މަހު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަދި އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން ބޭއްވުމަށް ވަނ ހަމަޖެހިފައެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހު އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތައް އޮތީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅެވެ.

ރާއްޖޭގެ ކުލަބުތަކުން މި ސީޒަނުގައި ކުޅެން ޖެހޭ އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިން އޮތީ ޖުލައި އަދި އޮގަސްޓް މަހުގައެވެ. ޗެލެންޖާސް ކަޕުގެ ކޮލިފައިންގައި ކުޅޭނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އިންވިޓޭޝަނަލް ކަޕެއް ކުޅެން ވަނީ މި ކަލަންޑަރުގައި ހިމަނާފައެވެ.





More from PSM News