އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް

Tue, 30 Apr 2024 09:28 AM

View on this article on PSM News

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް

މާލޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކޮށް ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއިރު، މި ބައިން ރަން މެޑަލް ހޯދީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާއެވެ. އިންޑިއާއިން ވަނީ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރިއިރު، މިއީ މިދިޔަ 21 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގެ ފައިނަލުނގައި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ.

އިއްޔެ ކުރިއަށްދިޔަ ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކުރުމުގެ އިތުރުން 2-1 ގެ ނަތީޖާއަކުން ސްރީ ލަންކާ ބަލިކޮށްފައެވެ.

އަދި ޓީމު އިވެންޓުގެ ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޓީމު އިވެންޓުގެ ސެމީގެ ސިންގަލްސް ބައިން ރާއްޖޭގެ ހަސަން ނާޒިމް (ނާނަ) ވަނީ ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. އަދި ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ކަމަށްވާ އިބްރާހިމް ހުޖާން އާއި އާދަމް އަދީލް ވަނީ 2-1 ގެ ނަތީޖާއަކުން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން އާއި އެމްޑީ އަލީ ރޮބިންގެ ޕެއާ ބަލިކޮށް ތާރީޚީ ފައިނަލަށް ދަތުރުކޮށްފައެވެ. އެކަމަކު ދެން ކުޅެވުނު ސިންގަލްސްގެ އަނެއް މެޗުގައި ބަންގްލަދޭޝްގެ މޮއްލާ ހެއްމަތު އަތުން ރާއްޖޭގެ އިސްމާޢީލް އަޒްމީން ބަލިވީ 2-1 އިންނެވެ.

މީގެ އިތުރުން ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު، އަންހެން ޓީމުން ވަނީ މި ބައިގެ ސެމީގައި ވާދަކޮށްފައެވެ. ސެމީ ފައިނަލަށް ދަތުރުކުރުމުގެ ކުރިން އަންހެން ޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކޮށްފައެވެ. އެކަމަކު ވަރުގަދަ އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުން ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމުން މެޑަލް ހޯދިއިރު، އާދީއްތަ ދުވަހު ކުރިއަށްދިޔަ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އަޒްމީން އާއި ނާނަގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ. މީގެއިތުރުން މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދެއެވެ.

މި މުބާރާތުގައި މިއަދާއި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ސިންގްލަސް ބައިގެ މެޗުތަކެވެ.





More from PSM News