ދިރާގުގެ ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކޮށްފި

Tue, 30 Apr 2024 09:00 AM

View on this article on PSM News

ދިރާގުގެ ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކޮށްފި

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޑެޓް، ދިރާގުގެ ހިއްސާއަކަށް 7.50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ހައިބްރިޑް މޮޑެލްއެއްގައެވެ. މި ޖަލްސާގައި ބައިވެރިވުމަށް 125 ހިއްސާދާރުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ 136 ހިއްސާދާރުން އަދި 244 ޕްރޮކްސީ ދީފައިވާ ހިއްސާދާރުންކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2022ވަނަ އަހަރާއި އަޅާބަލާއިރު 1.8 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ޚިތުމަތްތަށް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަކުރުމުގެ ނަތީޖާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކޮށްފައެވެ.

ދިރާގުން ބުނީ 2023 ވަނަ އަހަރު ކެޕިޓަލް އިންވެސްޓްމަންޓް 31.7 އިންސައްތަ އިތުރުވެ، 627 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތެރޭގައި ދިރާގުން ވަނީ ދިވެހިރާއްޖޭގެ 94 އިންސައްތަ ގޭބީސީއަށް ހައި-ސްޕީޑް ފައިބަރ-ޓު-ދަ-ހޯމް (އެފް.ޓީ.ޓީ.އެޗް)ގެ ޚިދުމަތް ފުޅާކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުގެ 5ޖީ ޚިދުމަތްވަނީ އާބާދީގެ 50 އިންސައްތައަށް ފޯރުކޮށްދީފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އަޕްގްރޭޑްކޮށް، އިތުރު ހަތަރު ސެގްމަންޓް ގާއިމްކުރުމުގެ އިތުރުން ސައިބަރސެކިއުރިޓީ އިންފްރާސްޓަރަކްޗަރ އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ.





More from PSM News