ބިދޭސީންގެ މައްސަލައަށް 3 އަހަރު ތެރޭ ހައްލު ހޯދުމަށް މަސައްކަތް ފަށައިފި

Mon, 29 Apr 2024 09:33 PM

View on this article on PSM News

ބިދޭސީންގެ މައްސަލައަށް 3 އަހަރު ތެރޭ ހައްލު ހޯދުމަށް މަސައްކަތް ފަށައިފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ވަޒީރުންނާއި ސުވާލުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2 މެއިގައި ކ. ހިންމަފުށީގައި މި މަސައްކަތް ފަށާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީން ގެންނަ ފަރާތުން އެހެން މީހެއްގެ ބެލުމުގެ ދަށަށް ބިދޭސީ މީހާ ބަދަލުކުރާނަމަ މަރުހަލާތައް އުނދަގޫވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އެކަން ކުރާ ކަމަށެވެ. ނަމަވެސް ހުރިހާ ބިދޭސީންގެ މައުލޫމާތު ނެގުމަށްފަހު އެގޮތަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ފަސޭހަތައް ލިބިގެންދާނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދޭނެ ކަމަށާއި އެ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ. އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވަން ނިންމާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކާއެކު ކުރިއަށް އޮތްތަނުގައި އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައިނުވާ ލޭބަރުންގެ ޑިމާންޑް އިތުރުވާނެ ކަމަށެވެ. އެފަދަ ލޭބަރުން ގަވާއިދާ އެއްގޮތަށް ރާއްޖެއަށް އެތެރެވާކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތައް ކުރެވޭނެ ކަމަށާއި 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.





More from PSM News