އުރީދޫ މޯލްޑިވްސްއިން ޓިކްޓޮކާއެކު ޕާޓްނަރޝިޕަކަށް

Mon, 29 Apr 2024 09:20 AM

View on this article on PSM News

އުރީދޫ މޯލްޑިވްސްއިން ޓިކްޓޮކާއެކު ޕާޓްނަރޝިޕަކަށް

އުރީދޫ މޯލްޑިވްސްއިން ޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގައި ސޮއިކޮށްފިއެވެ.

މި ޕާޓްނަރޝިޕް އިއުލާނުކުރީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ މި ޕާޓްނަރޝިޕާއެކު އުރީދޫ ނެޓްވާރކުގައި ޓިކްޓޮކް ބޭނުންކުރާފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއަރކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ޚާލިދު އަލް-ހަމާދީ ވިދާޅުވީ، އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނަރޝިޕާއިއެކު ޓިކްޓޮކާއި އެކު، ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

އުރީދޫއިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއްވެސް މި އިވެންޓްގައި ވަނީ ލޯންޗްކޮށްފައެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.





More from PSM News