ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

Tue, 23 Apr 2024 02:08 PM

View on this article on PSM News

ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އދ. ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ސައިޓް މޮބިލައިޒްކޮށްފިއެވެ. ދަނގެތީގައި މިހާރު ތަރައްޤީކޮށްފައިވާ ބަނދަރަކީ 700 ފޫޓު ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ.

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަކީ، އެއަތޮޅުގައި އެންމެ ހަލުވިކަމާއެކު ރަށުފަތުރުވެރިކަން ފުޅާވަމުން އަންނަ އެއްރަށެވެ. މިހާރުވެސް އެރަށުގައި 18އަށްވުރެ ގިނަ ގެސްޓު ހައުސް އެބަހުއްޓެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަ 240 އަށްވުރެ ގިނަ އެނދު ހުރެއެވެ. ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ލަފާ ފުރުމުގެ ދަތިކަމާއި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ.

ދައުލަތުން 51.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިހާރު ތަރައްޤީކޮށްފައިވާ ބަނދަރަކީ 2014 ވަނަ އަހަރުގެ އޮގަސްޓްމަހު ޢަމަލީ މަސައްކަތްފަށައި 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާފައިވާ ބަނދަރެކެވެ. އެހެންނަމަވެސް ޖާގައިގެ ދަތިކަން ދިމާވެ ލަފާފުރުމުގެ ދަތިކަން ބޮޑުވެ ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހުމަދު ވިދާޅުވީ ދަނގެއްޗަކީ ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭ ރަށަކަށް ވުމުން މިހާރު ހަދާފަފައިވާ ބަނދަރު ވެފައިވަނީ ޖާގައިގެ ގޮތުން ކުޑަ ބަނދަރަކަށްކަމަށެވެ. މީގެ އިތުރުން އަތޮޅުގެ އެކި ހިސާބުތަކުން ދޯނިފަހަރު ބަނދަރު ކުރުމާއި ފެރީގެ ޚިދުމަތްވެސް ދެމުންދާ ރަށަކަށް ވުމާއެކު ލަފާ ފުރުމުގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތި ވެފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ

" މި ބަނދަރު ވަނީ ވަރަށް ބޮޑަށް ފުރިފައި. މުދާ ބާލާ ސަރަހައްދުވެސް ވަރަށް ބޮޑަށް ބާރުބޮޑުވެފައި އޮންނަނީ. އެއީ ރައްކާރީގައި 10 ވަރަކަށް ރިސޯޓް އޮތުމާއި އެކު ވަރަށް ގިނަ ރިސޯޓްތަކުން ގެސްޓުން ގޮވައިގެން އާދޭ. މިގޮތަށް އަންނައިރު އޮންނަނީ ލޯންޗް ފަހަރުވެސް އަޅާނެ ޖާގަ ނެތިފައި" ދަނގެތީ ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހުމަދު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ބަނދަރު ތަރައްގީކޮށް ޖާގަ އިތުރު ކުރެވިގެން ދިޔުމުން މުދާ އުފުލުމަށާއި ލަފާ ފުރުމަށް މިހާރު އުފުލަމުންދާ ބުރައަށް ނިމުން އަންނާނެކަމަށެވެ. މީގެއިތުރުން ރަށުގައި ފުޅާވަމުންދާ ރަށު ފަތުރުވެރިކަމަށްވެސް ކުރިއެރުން އަންނާނެކަމަށް ވިދާޅުވެއެވެ.

އދ. ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމުގެ އިތުރުން މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 71.16 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.





More from PSM News