އަންހެނުންގެ ޢަދަދު އިތުރުކުރުމަށް ލާޒިމްކުރަނީ ޢަދަދެއްނޫން، ބަދަލު ގެންނަންވީ ސިޔާސަތުތަކަށް!

Tue, 23 Apr 2024 12:51 PM

View on this article on PSM News

އަންހެނުންގެ ޢަދަދު އިތުރުކުރުމަށް ލާޒިމްކުރަނީ ޢަދަދެއްނޫން، ބަދަލު ގެންނަންވީ ސިޔާސަތުތަކަށް!

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކޮށްފައި އެއްބަޔަކީ އަންހެނުންނެވެ. ނަމަވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ވަކިން ޚާއްސަކޮށް ސިޔާސީ މައިދާނުގައި ގޮތް ނިންމާ މަޤާމުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވަރަށް މަދެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން ދުވަހުން ދުވަހަށް އަންނަނީ މަދުވަމުންނެވެ. އެކަން ރައްޔިތުންގެ މަޖިިލީހުންވެސް ފެނެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު، އޭގެތެރެއިން އަންހެނުންގެ އަދަދަކީ އެންމެ 4 އެކެވެ. އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 93 ދާއިރާއަކުން މެންބަރުން ހޮވިއިރު މީގެތެރެއިން އަންހެނުން އިންތިޚާބުވީ އެންމެ 3 ދާއިރާއަކަށެވެ. މިއީ ނިސްބަތުން ވަރަށް މަދު ޢަދަދެކެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމުގެ ވާހަކައިގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްތޯ މިއީ އުފެދޭ ސުވާލެކެވެ. އަންހެނުންނަށް ވަކި އިންސައްތައެއް ހަމަޖެއްސުމުން އެ މަޤާމުތަކަށް ވާދަކޮށް މަގާމު ކާމިޔާބުކުރުމަށް އަންހެނުންގެ ޤާބިލްކަން ހުރި މިންވަރާއި މެދު ސުވާލުއުފެދެއެވެ.

މިހާރު ޢަމަލުކުރަމުން އަންނަ ލާމަޒުކަޒީ ޤާނުނުގެ ދަށުން ކައުންސިލްތަކުގެ %33 އަންހެނުންނަށް ވަނީ ޚާއްސަކޮށްފައެވެ. ނަމަވެސް ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ އަދި މިކަމަށް އޮތް ހައްލެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޕީއެސްއެމް ނިއުސްގެ ޚިދުމަތްތެރިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރ ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ވަކި އަދަދަކަށް އަންހެނުންނަށް އިންސައްތަ ކަނޑައެޅުމަށްވުރެ ބޮޑަށް މިއީ ދައުލަތުގެ ސިޔާސަތުތަކަށް ބަދަލުގެނެސް ހައްލު ހޯދަންޖެހިފައިވާ މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޤާނޫނަށް ބަދަލުގެނެސް އަންހެނުންނަށް ވަކި ކޯޓާ ސިސްޓަމެއް ޤާއިމްކުރިފަހުން ބައި-އިލެކްޝަންތައް ބޭއްވަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގޮސް މިކަންކަން ބަލާއިރުގައި ދާއިމީ ހައްލެއް މިކަމަކަށް ނާދޭ. ހައްލެކޭ އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެންނަށް އަންހެނުންނަށް ކޯޓާ ކަނޑައަޅާފައި ގޮނޑިތަކަށް އަންހެނުން އިންތިހާބު ކުރިފަހުން 2020 އިން ފެށިގެން މިއަދާއި ހަމައަށް އިލެކްޝަން ކޮމިޝަނަށް ހަމަނޭވާއެއް ނުލެވޭ ބައި-އިލެކްޝަން ބޭއްވުމުގައި. މީގެތެރެއިން ގިނައީ ޑަބްލިއުޑީސީއިން އިސްތިއުފާދޭ އަންހެން ބޭފުޅުން. މާނައަކީ ކޮންމެވެސް އެއް ހިސާބެއްގައި މައްސަލަ އެބައުޅެއޭ. ދައުލަތުގެ ސިޔާސަތުތައް އެގޮތައް ބައްޓަން ކުރެވިގެން މިކަމަށް ހައްލެއް ލިބޭނީ." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އާދަކާދައާއި ސަޤާފަތް އޮންނަ ގޮތުން އަންހެނުންނާއިފިރިހެނުންގެ ދައުރަށް ބަލާއިރު ފިރިހެނުންނަށްވުރެ އަންހެނުންގެ ޒިންމާތައް ގިނަވެފައި ބޮޑެވެ. ޚާއްޞަކޮށް އާއިލީ ޒިންމާތައް ފިރިހެނުންނަށްވުރެ އަންހެނުން އިތުރުކަން އެއީ ފެންނާންއޮތް ހަގީގަތެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ސަގާފަތުގެ ތެރޭގައި ގޭތެރެސާފުކޮށް، ކައްކާ، އެއްޗެހިދޮވެ، ދަރިން ބެލުމުގެ ޒިންމާ ބޮޑަށް އެޅިފައި އޮންނަނީ އަންހެންމީހާގެ ކޮނޑުގައެވެ. އެހެންކަމުން ސިޔާސީ މައިދާނަށް ނުކުމެ ކުރިއަށްދާން ޝައުގުވެރިކަން ހުންނަ އަންހެނުންނަށްވެސް މިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާކަމަށް ގިނަ ބަޔަކު ދެކެވެ.

ސްކޫލަށްދާ ޢުމުރުގެ ކުއްޖަކު ހުންނަ މަޔަކުނަމަ ދަރިފުޅު ސްކޫލަށް ގެންދިއުމާއި، ޓިއުޝަނާއި، ޤުރުއާން ކްލާހަށް ގެންދިއުން ފަދަ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މަންމައިންނެވެ. އެހެންކަމުން އިންތިޚާބަށް ކުރިމަތިލައިގެން އިންތިޚާބު ވެއްޖެނަމަ އެ އިންތިޚާބުވާ މަޤާމަށް ވަގުތު ދެވޭ މިންވަރު ކުޑަވާތަން އާދެއެވެ. ދަރިފުޅުގެ ކަންކަން ކުރުމަށް ވަގުތު ހުސްކުރަން އުނދަގޫވެއެވެ. މިހާހިސާބުން ކިތަންމެ ޤާބިލް އަންހެނެއްނަމަވެސް އެ މަޤާމެއް އަދާކުރުމަށް ފަސްޖެހޭ ހިސާބަށް އާދެއެވެ.

އެހެންކަމުން ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމަށް ދައުލަތުގެ ސިޔާސަތުތަކަށް ބަދަލުގެންނަންޖެހޭކަމަށް ސިޔާސީ އިސް މަޤާމުތަކުގައި ތިއްބަވާ ބައެއް އަންހެން ބޭފުޅުން ޤަބޫލުކުރައްވައެވެ. އެގޮތުން އެއްދަންފަޅިއަށް ސްކޫލް ނިޒާމް ބަދަލުކުރުން ހިމެނޭހެން އެހެން ބައެއް ބަދަލުތައް ގެނެވިދާނެކަމަށް ދެކެއެވެ.

އަންހެނުންގެ ދައުރު މަޖިލީހުގައި ފުޅާކުރުމަށް ރައީސް ޑރ. މުޢިއްޒު ސިޔާސަތުތަކަށް ބައެއްބަދަލު ގެންނަވާނެކަމަށް އިއުލާޏްކުރައްވާފައިވެއެވެ. އެގޮތުން މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރައާ އިނާޔަތްތަކުގެ އިތުރުން ޕާޓީން ހާއްސަ އިނާޔަތެއް ދޭނެ ނިންމެވި ނިންމެވުން ހިމެނެއެވެ.

އެހެންކަމުން ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް މަދޭ ބުނުމުގެ ބަދަލުގައި ސިޔާސަތުތަކަށް ބަދަލުގެނެސް މިދާއިރާއަށް އަންހެނުންނަށް ނިކުމެ ކުރިއަށްދިއުމަށް މަގު ފަހިކޮށްދިނުމަކީ ކުރަންޖެހޭ އެންމެ މުހިންމު ކަމެވެ. އެއީ ޤާނޫނަކުން ލާޒިމުކޮށްގެން ނުވަތަ ވަކި ޢަދަދެއްގެ ކޯޓާއެއް ކަނޑައަޅައިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ.





More from PSM News