ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ބިރު ނުދައްކާނަން، މައިނޯރިޓީއަށް އިޙްތިރާމްކުރާނަން: ސަލީމް

Tue, 23 Apr 2024 11:26 AM

View on this article on PSM News

ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ބިރު ނުދައްކާނަން، މައިނޯރިޓީއަށް އިޙްތިރާމްކުރާނަން: ސަލީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ، ސުޕަރ މެޖޯރިޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ލިބިފައިވީ ނަމަވެސް، މަޖަމިލީހުގައި ބާރުގެ ބޭނުންކޮށް، ބިރުނުދައްކާނެކަމަށާއި މައިނޯރިޓީއަށް އިޙްތިރާމް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 70އަށްވުރެ ގިނަ ދާއިރާއާއެކު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، ޙާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތުމުން، އެ އެމްބަރުންގެ މަސައްކަތަށް އެމްޑީޕީގެ މެޖޯރިޓީ އިން ހުރަސްއަޅައި ފިއްތުންތަކާއި ކުރިމަތިކުރުވާފައިވެއެވެ.

ސަލީމް ވިދާޅުވީ، އެ ފިއްތުންތަކުގެ ސަބަބުން، މައިނޯރިޓީ މެމްބަރުންނަށް ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވިކަމަށެވެ. ސަލީމް ވިދާޅުވީ، މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި، އޭގެ ސަބަބުން، ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ޙާލަތަކަށް ގެނައުމަށްވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.





More from PSM News