ނުފުރުނު ޢުމްރާވެރިންނަށް 26 ވަނަ ދުވަހު މާލެ އާދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އަލްބުރޫޖް ގްރޫޕް

Sat, 20 Apr 2024 12:13 PM

View on this article on PSM News

ނުފުރުނު ޢުމްރާވެރިންނަށް 26 ވަނަ ދުވަހު މާލެ އާދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އަލްބުރޫޖް ގްރޫޕް

އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މި ރަމަޟާންމަހު ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ހަމަޖެހިފައިވާ ދުވަހަށް ނާދެވުނު މީހުންނަށް މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވާކަމަށް އެ ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔަ 39 މީހަކަށް ވަނީ އެއަރޕޯޓަށް ގަޑިއަށް ނުދެވުމުގެ ސަބަބުން މާލެ ނާދެވިފައެވެ. މި މީހުން ފުރުމަށް ހަމަޖެހިފައިވަނީ ސައުދިއާ އެއަރލައިނުންނެވެ.

މިކަމާއި ގުޅޭގޮތުން އަލްބުރޫޖް ގްރޫޕުގެ ފަރާތުން މައުލޫމާތު ދެމުން ބުނީ އެ މީހުންނަށް ކަނޑައެޅިފައިވާ ވަގުތައް އެއަރޕޯޓަށް ނުދެވުނީ ބަސް ހޮޓަލަށް އައުން ލަސްވުމާއި، ޖިއްދާ އެއަރޕޯޓްގެ ސެކިއުރިޓީގެ ކަންކަމުގައި ގިނަ ވަގުތު ހޭދަވުމުގެ ސަބަބުންކަމަށެވެ.

ހޮޓަލަށް ބަސް އައުން ލަސްވުމުގެ ސަބަބުން ސައުދީގެ ޢުމްރާ އެޖެންޓްވަނީ އެކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާދާރު ކުރުވާނެކަމަށް ބުނެފައިކަމަށް ގްރޫޕުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުރުން ލަސްވުމުގެ ސަބަބުން ގްރޫޕްގެ ފަރާތުން ވަނީ ދަތުރު ނިމުމާއި ހަމައަށް މައްކާގައި ޢުމްރާވެރިން ތިބޭ މުއްދަތުގައި ކެއުމާއި ތިބުމުގެ އިންތިޒާމްތައް އެއްވެސް ޚަރަދަކާއި ނުލައި ހަމަޖައްސާފައިކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ގްރޫޕްގެ ހަވާލުމުގައި ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެމިރޭޓްސްއިން މާލެ އައުމަށް ހަމަޖެހިފައިވާ 27 މީހުންނަށްވެސް ވަނީ ފުރޭގޮތް ނުވެފައެވެ. އެއީ ދުބާއީ އެއަރޕޯޓްގައި ފެންބޮޑުވެ އެއަރޕޯޓް ބަންދުކޮށްފައި އޮތުމުގެ ސަބަބުންކަމަށް ގްރޫޕުން ވަނީ ބުނެފައެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ޢުމްރާވެރިން މިވަގުތު ތިބީ ޖިއްދާގައި އެއަރލައިންގެ ޚަރަދުގައި ބައިތިއްބާފައި ތިބި ހޮޓަލެއްގައިކަމަށްވެސް ގްރޫޕުން ވަނީ ބުނެފައެވެ. މި ގްރޫޕްގެ ހަވާލުގައި މި ރަމަޟާންމަހު 150 މީހުން ވަނީ ޢުމްރާއަށް ގޮސްފައެވެ.





More from PSM News