ގެއްލިގެން އުޅޭ ދޯންޏާއި މީހުން ހޯދުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

Sat, 20 Apr 2024 05:22 AM

View on this article on PSM News

ގެއްލިގެން އުޅޭ ދޯންޏާއި މީހުން ހޯދުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

ގެއްލިގެން އުޅޭ މަޑުއްވަރީ ދޯންޏާއި އޭގައި ތިބި މީހުން ހޯދުމަށް އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

ދެ މީހުންނާއެކު މަހަށް ނިކުތް އެ ދޯންޏަކީ ރ.މަޑުއްވަރީއަށް ނިސްމަބަތްވާ ދޯންޏެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދޯނި މަހަށް ނިކުތީ ހުކުރު ދުވަހު ހަވީރުއެވެ. ދޯނީގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރުއެވެ. މި މަޢުލޫމާތު ފުލުހުން އެމްއެންޑީއެފާ ޙިއްސާކޮށްފައިވަނީ ރޭ 22:45 ހާއިރުއެވެ..

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މ.މުލީގައި އޮންނަ ކޯސްޓްގަރޑް ހާބަރ ކްރާފްޓް 114 ބޭނުންކޮށްގެންނެވެ. ނަމަވެސް ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް ޔޫއޭވީ މިހާރު ވަނީ، މީހުން ހޯދުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިކަމަށާއި މިއީ މި އުޅަނދު ބޭނުންކުރާ ފުރަތަަމަ ފަހަރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރާއްޖޭގައި ބޭނުންކުރާ ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ މި އުޅަނދަށް ލިބިފައިވެއެވެ.

ގެއްލިގެން ހޯދަމުންދާ އުޅަނދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ފުލުހުންގެ އެމަޖެންސީ ނަންބަރު 119އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ..





More from PSM News