ވެޓެރަންސް ލީގު: ސްޓެލްކޯ ބަލިކޮށް މުއިވެޔޮ ސެމީއަށް

Fri, 29 Mar 2024 02:32 AM

View on this article on PSM News

ވެޓެރަންސް ލީގު: ސްޓެލްކޯ ބަލިކޮށް މުއިވެޔޮ ސެމީއަށް

އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ފަސޭހަކަމާއެކު ކުލަބު ސްޓެލްކޯ ބަލިކޮށް، ސެމީ ފައިނަލުގެ ޖާގައެއް މުއިވެޔޮ ފްރެންޑްސްއިން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައިވެސް މުއިވެޔޮ ޓީމުގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ކުޅުއްވާފައެވެ. މި މެޗުގެ ފުރަތަމަ ހާފު މުއިވެޔޮ ޓީމުން ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ނިޔާޒެވެ.

އޭގެ ދެ މިނެޓު ފަހުން އިބްރާހީމް ލަތީފް ވަނީ ލަނޑެއް ޖަހައި، މުއިވެޔޮގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ނިޔާޒެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މުއިވެޔޮއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އަބްދުﷲ ސުޖާއު ވަނީ މުއިވެޔޮ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން މި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ސްޓެލްކޯއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އާރިސްއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މުއިވެޔޮ ޓީމުގެ ނިޔާޒް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު މުއިވެޔޮ ޓީމުން ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ދެން ސެމީއަށް ދަތުރުކޮށްފައިވަނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މި ދެ ޓީމަށްވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕް ސްޓޭޖުގައި ދަ ގްރާންޑޭއަށް ބާކީ އަދި އެއް މެޗު އެބައޮތެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މުއިވެޔޮ އާއި ސްޓެލްކޯގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ އާއި، މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އަދި ލެގޫންސް ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި އާއި، ޕޮލިސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި، ވިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ.





More from PSM News