އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތައް ތެދުވުން މުހިއްމު: ރައީސް

Thu, 08 Jun 2023 11:00 PM

View on this article on PSM News

އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތައް ތެދުވުން މުހިއްމު: ރައީސް

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ތިމާވެއްޓާއި، އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް މިރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޮންމެ މުޖްތަމަޢެއްގައި ވެސް މަދަނީ ޖަމްޢިއްޔާތަކަކީ، އެ މުޖްތަމަޢެއް ޙަރަކާތްތެރިކުރުވާ މައި އިންޖީނުކަމަށާއި، އެ އިންޖީނު ހިނގާ ވަރަކަށް، އެ މުޖްތަމަޢެއްގެ ހަކަތަ އިތުރުވެ ބުންވަރު އިތުރުވާކަމަށެވެ. އަދި އެ މުޖްތަމަޢެއްގެ އިޤްތިޞާދީ މިސްރާބު އަމާން އައްސޭރިއަކަށް ސީދާކޮށްދިނުމުގައިވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމްޢިއްޔާތަކަށްކަމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޙަރަކާތްތައް، އެ ބައެއްގެ ތެރޭގައި ހިންގައިދޭ މައި ކެނބަކީވެސް މަދަނީ ޖަމްޢިއްޔާތައްކަމަށެވެ. އަދި ބަދަލަކަށް އެދިގެން މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން އެންމެން އުފުލި އަޑުތައް، ރާއްޖޭގެ ދުސްތޫރީ ފޮޅުވަތްތަކުގައި ލިޔެވިގެން ދިޔައީ، މަދަނީ ޖަމްޢިއްޔާތަކުންވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށްގެންކަމަށާއި އެއީ ފެންނަން އޮތް ޙަޤީޤަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިފަދަ މައްސަލަތައް އާއްމުން ހޭލުންތެރިކުރުވާ، ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގައި މަދަނީ ޖަމްޢިއްޔާތަކަކީވެސް މުހިއްމު ރޯލެއް އަދާކުރެވިދާނެ ބައެއްކަމަށެވެ.

"ހަމައެކަނި މި ވަގުތު މި ޖަޒީރާތަކުގައި އުޅެންޖެހިފައި ތިބި އަޅުގަނޑުމެންނަށްޓަކައެއް ނޫން. އަޅުގަނޑުމެން މި ފަސްގަނޑަށް ދޫކުރާ، ކުރިމަގުގެ ޖީލުތަކަށްޓަކައި ވެސް، މި ވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަމުގައިވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރެވިއްޖެ ނަމަ، އަޅުގަނޑުމެންގެ އަމާޒަށް ވާޞިލުވުމަށް ވަރަށް ފަސޭހަވާނެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދޭންޖެހޭ އެއް ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ބައިވެރިވެގެން ޚާއްޞަ މަސައްކަތްތަކެއް ފެށުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވަވާފައެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުގައި އެފަދަ މައްސަލަތައް ހުރީ އެކިވަރަށް ކަމަށާއި، ހުރި މައްސަލަތަކާއި އޭގެ ބާވަތްތައްވެސް ތަފާތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ގޭންގު ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޢާއިލީ މައްސަލަތަކާއި އަންހެނުންނާއި ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވެވިއެވެ. އަދި މިފަދަ ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމުގައި މަދަނީ ޖަމްޢިއްޔާތަކަށްވެސް މުހިއްމު ރޯލެއް އަދާކުރެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދެންނެވި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ވެސް އަޅުގަނޑުމެންނަށް އެ މަގުން ހިނގިއްޖިއްޔާ ނަތީޖާ ޙާޞިލުކުރުން ފަސޭހަވާނެ. އަދި މިކަމުގައި ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތަކުން އިސް ނެގުމުން ނަތީޖާ ނެރުން އަދި އެއަށްވުރެ މާ ފަސޭހަވާނެ. އެ ރަށެއްގައި ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް" ރައީސް ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ޚިދުމަތްދޭ ކިތަންމެ ޖަމްޢިއްޔާއެއް މާލެއާއި އެކި ރަށްރަށުގައި ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ މިފަދަ ޖަމްޢިއްޔާތަކަށް ޚާއްސަ އިލްތިމާސްތަކެއް ކުރައްވާފައެވެ.

އެގޮތުން ތިމާވެށި ޙިމާޔަތް ކުރުމަށް ނުވަތަ ތިމާވެށި ޙިމާޔަތް ކުރުމުގެ ރޫޙު ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތް ކުރުމަކީ، ކޮންމެ މަދަނީ ޖަމްޢިއްޔާއެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ރަށެއްގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމަކީވެސް، އެ ރަށެއްގެ މަދަނީ ޖަމްޢިއްޔާތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިން އުޅެން ބޭނުންވާ އުފާވެރި ދިރިއުޅުން، ދެކެން ބޭނުންވާ ޞުލްޙަވެރި ވެށި، އަދި ފާޅުކުރަން ބޭނުންވާ ހިނިތުންވުން، މި ހުރިހާ ކަމެއްވެސް ގުޅިފައި ވަނީ މިފަދަ މައްސަލަތަކާކަމަށެވެ. އަދި އަޅުގަނޑުމެން މި ގެންނަ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާގެ ހެޔޮ ބަދަލުތަކާއި، ތަޢުލީމީ ގޮތުން އަންނަ ކުރިއެރުންތަކުން، ޙަޤީޤީ އުފާވެރިކަމެއް ޙާޞިލުވާނީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސޮސައިޓީ އެވޯޑްސް ލިބުނު 10 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.



More from PSM News