"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުތަކުގައި އިތުރު ފުރުސަތު ފަހިކޮށްދިނުމަކީ ބޮޑު އަމާޒެއް"

Thu, 08 Jun 2023 08:08 PM

View on this article on PSM News

"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުތަކުގައި އިތުރު ފުރުސަތު ފަހިކޮށްދިނުމަކީ ބޮޑު އަމާޒެއް"

އެކި ކުޅިވަރުތަކުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ވާދަކުރެވޭނެ އިތުރު ފުރުސަތު ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މި މަހު ބާއްވާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަޚްލޫފް ވިދާޅުވީ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަކީވެސް ކުޅިވަރު ކުޅެވޭނެ ފުރުސަތު ލިބެންޖެހޭ އަދި ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައިވެސް ވާދަކުރެވޭނެ ފުރުސަތު ތަނަވަސްވާން ޖެހޭ ބައެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުޅިވަރަށް ގެނެސްދެއްވި އެންމެ ހެޔޮ އެއް ބަދަލަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާދެއްވައި، އެ ކުދިން ކުޅިވަރު ކުޅެ ކުޅިވަރުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށްވެސް ވިދާޅުވިއެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރަނީ ދެ ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނެވެ. މި ދެ ކުޅިވަރުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މަޚްލޫފެވެ.

މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެކުރިން 2019 ވަނަ އަހަރު އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްގައެވެ. އެ ފަހަރު ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑެލް ހޯދާފައެވެ.



More from PSM News