ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފުޓްސަލް ދަނޑު ތަރައްޤީކުރަނީ

Thu, 08 Jun 2023 08:02 PM

View on this article on PSM News

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފުޓްސަލް ދަނޑު ތަރައްޤީކުރަނީ

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި ދެ ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޙަވާލުކުރެއްވީ ޒެބޮކް ކުންފުންޏާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަޙްމަދު ދީދީއެވެ. އަދި ޒެބެކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލައުޒާ ވަހީދެވެ.

މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ، 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ހަތަރު މިލިޔަން ދެލައްކަ ފަސްދޮޅަސް ފަސްހާސް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑު ތަރައްޤީކުރަމުން އަންނައިރު، މި ދެ ދަނޑު ވެގެންދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ތަރައްޤީކުރާ ފުރަތަމަ ފުޓްސަލް ދަނޑުތަކަށެވެ.



More from PSM News