އާމްދަނީއަށް 2 ބިލިއަންގެ ކުރިއެރުމެއް

Mon, 05 Jun 2023 12:14 PM

View on this article on PSM News

އާމްދަނީއަށް 2 ބިލިއަންގެ ކުރިއެރުމެއް

މިއަހަރު ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރައްވާފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން މިއަހަރުގެ މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ވަނީ 9.58 ބިލިއަން ރުފިޔާ ލިބިފައެވެ. 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.52 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަަދަދަކުން ދައުލަތަށް އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 5.51 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 2 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 3 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.58 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޓެކްސް ނޫން އާމްދަނީވެސް މިއަހަރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 183 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދަކީ 416 މިލިއަން ރުފިޔާއެވެ.

މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ޚަރަދުތައް ހުރީ 16.9 ބިލިއަން ރުފިޔާގައެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 13.4 ބިލިއަނުގައެވެ. ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ މުޅި ޖުމްލަ 11.4 ބިލިއަން ރުފިޔާއެވެ.



More from PSM News