ފްރެންޗް އޯޕަން: އަލްކަރާޒް އާއި ޖޮކޮވިޗް ކުއާޓާއަށް

Mon, 05 Jun 2023 10:53 AM

View on this article on PSM News

ފްރެންޗް އޯޕަން: އަލްކަރާޒް އާއި ޖޮކޮވިޗް ކުއާޓާއަށް

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ތިންވަނައަށް ސީޑް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކްއާޓަރ ފައިނަލުން އަލްކަރާޒް ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި އިޓަލީގެ ލޮރެންޒޯ މުސެއްޓީއާ ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންވެ. މިމެޗްގެ ސެޓްތައް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ހައެއް ތިނެއް، ހައެއް ދޭއް އަދި ހައެއް ދެއަކުންނެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި އަަލްކަރާޒް ބައްދަލުކުރާނީ ފަސްވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފާނޯ ސިޓްސިޕާސް އާއެވެ. މުބާރާތުގެ ކްއާޓަރ ފައިނަލުން ސިޓްސިޕާސް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި އޮސްޓްރިއާގެ ސެބަސްޓިއެން އޮފްނަރ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ސީދާ ތިންސެޓުން ސިޓްސިޕާސް ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ސެޓް ވެގެންދިޔައީ ސިޓްސިޕާސްއަށް ވަރަށް އުނދަގޫ ސެޓަކަށެވެ. މިގޮތުން އޮފްނަރ ވަނީ މިސެޓްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިސެޓް ހަތެއް ފަހަކުން ސިޓްސިޕާސް ކާމިޔާބުކުރިއިރު, ޖެހިގެން އައި ދެސެޓް އޭނާ ކާމިޔާބުކުރީ ހައެއް ތިނެއް އަދި ހައެއް ސުމަކުންނެވެ.

މީގެ އިތުރުން މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖޮކޮވިޗް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ޕެރޫގެ ހުއާން ޕަބްލޯ ވެރިޔާސް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ދޭއް އަދި ހައެއް ދެއަކުންނެވެ. މިއާއެކު އޭނާ ވެފައިވަނީ ފްރެންޗް އޯޕަންގެ ކްއާޓަރ ފައިނަލުން އެންމެ ގިނައިން ޖާގަހޯދި ކުޅުންތެރިޔާއަށެވެ. އެގޮތުން މިފަހަރާއެކު އޭނާ ވަނީ މިހާތަނަށް 17 ފަހަރު ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ޖޮކޮވިޗް ބައްދަލުކުރާނީ 11 ވަނަ އަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ކަރެން ހަޗަނޯވްއާއެވެ. ހަޗަނޯވް ކްއާޓަރ ފައިނަލުން ޖާގަހޯދީ އިޓަލީވިލާތުގެ ލޮރެންޒޯ ސޮނޭގޯ އާއި ބައްދަލުކުރިމެޗް އެކެއް ހައެއް، ހައެއް ހަތަރެއް، ހަތެއް ހައެއް އަދި ހައެއް އެކަކުން ކާމިޔާބުކޮށްގެންނެވެ.



More from PSM News