ރެއާލަށް ކުޅެދިން ފަހު މެޗުގައިވެސް ބެންޒެމާ ލަނޑު ޖަހައިފި

Mon, 05 Jun 2023 10:34 AM

View on this article on PSM News

ރެއާލަށް ކުޅެދިން ފަހު މެޗުގައިވެސް ބެންޒެމާ ލަނޑު ޖަހައިފި

ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑަށް ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ކުޅެދިން ފަހު މެޗުގައިވެސް ލަނޑު ޖަހައިފިއެވެ.

ރެއާލްގެ ކެޕްޓަންކަން ކުރަމުންދާ ބެންޒެމާ އެ ޓީމަށް ކުޅެދިން ފަހު މެޗަކަށް ވެފައިވަނީ ރޭ ލީގުގައި އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރި މެޗެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިމެޗްގައި ބެންޒެމާ ކާމިޔާބުކުރި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ބެންޒީމާއަކީ ރެއާލްއަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. ބެންޒެމާ މިލަނޑު ޖަހާދީފައިވަނީ މެޗްގެ 49 ވަނަ މިނެޓްގައި ބިލްބާއޯއިން ލަނޑެއް ޖާހަ މެޗުގެ ލީޑު ނަގާފައިވަނިކޮށެވެ.

ބެންޒެމާ ވަނީ މިމެޗްގެ 74 ވަނަ މިނެޓްގައި ބަދަލުކޮށްފައެވެ. އަދި ރެއާލްގެ ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރެއާލްއަށް ފަހު ބެންޒެމާ ސައުދީ ލީގަށް ބަދަލުވާން އުޅޭކަމުގެ އަޑު ވަނީ ވަރަށް ބޮޑަަށް ފެތުރިފައެވެ.

ބެންޒެމާގެ އިތުރުން މިމެޗް ވެގެންދިޔައީ މާކޯ އަސެންސިއޯވެސް ރެއާލަށް ކުޅެދިން ފަހު މެޗަށެވެ. އެހެންކަމުން އޭނާއަށްވެސް ރެއާލްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ނަމަވެސް މި ސީޒަނަށްފަހު ރެއާލް ދޫކޮށްދާކަން ހާމަކޮށްފައިވާ އެޑެން ހަޒާޑް މިމެޗްގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ރެއާލް މިފަހަރުގެ ސީޒަން ނިންމާލާފައިވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާގެ ފަހަތުން ދެވަނައިގައި އޮވެގެންނެވެ.



More from PSM News