20 އަހަރުން ދަށުގެ ވޯލްޑް ކަޕް: ސެމީ ފައިނަލުން އުރުގުއާއީ ޖާގަ ހޯދައިފި

Mon, 05 Jun 2023 10:27 AM

View on this article on PSM News

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: ސެމީ ފައިނަލުން އުރުގުއާއީ ޖާގަ ހޯދައިފި

އާޖެންޓީނާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އުރުގުއާއީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން އުރުގުއާއީ ޖާގަހޯދީ ކުއާޓާ ފައިނަލްގައި އެމެރިކާއާ ބައްދަލުކުރި މެޗު ދެ ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ސަންޓިއާގޯ އެސްޓޭރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އުރުގުއާއީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު އުރުގުއާއީން ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ މެޗްގެ 21 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެންޑަސަން ޑުއާޓެއެވެ. އަދި އުރުގުއާއީއިން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑަކީ އެމެރިކާގެ ޖޯޝުއާ ވައިންޑާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗްގައި އެމެރިކާއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ އެ ޓީމުގެ ކޯޑީ ކޯވެލްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ އެ ޓީމްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ރޯކަސް ޕުކްސްޓާސް ގައިގައި ޖެހި މަތަވެފައެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީ ފައިނަލަށް އުރުގުއާއީ ދަތުރުކޮށްފައިވާއިރު، ސެމީ ފައިނަލުގައި އެ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލާއެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އިޓަލީ އާއި ދެކުނު ކޮރެއާއެވެ.



More from PSM News